08 Sep 2013, 15:59
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިމަޖެންސީ ރޫމަށް ރޭ ބަޔަކު ގެއްލުންދީފި އެވެ.
މަންޒަރު ދުށް މީހަކު ސަން އަށް ކިޔައިދިން ގޮތުގައި އިމަޖެންސީ ރޫމުން ނުކުންނަން އުޅު ޒުވާން ފިރިހެނަކާއި ޒުވާން އަންހެނަކު، ރޭ ވަނީ އެތަނުގެ ދޮރުގައިވާ ބިއްލޫރިގަނޑެއް ތަޅާލާފަ އެވެ.
"އެ ދެ މީހުން ނުކުތުމަށް އައިޖީއެމްގެ ގާޑުން ހުރަސް އެޅީ، ދޮރު ނުހުޅުވައިދިނީ، އެހިސާބުން އެމީހުން ބިއްލޫރިގަނޑު ތަޅާލީ. ބިއްލޫރިތައް އެތަން މިތަނަށް ބުރައިގެން ދާން ފެށުމުން، ޑޮކްޓަރަށް ދައްކަން އައިސްތިބި މީހުން ބިރުން ދުވި،" މަންޒަރު ދުށްމީހަކު ބުންޏެވެ.
އެ މަންޒަރު އެގޮތަށް ދުށް ކަމަށް އައިޖީއެމްއެޗްގައި އެވަގުތު ހުރި އެހެން މީހަކު ވެސް ބުންޏެވެ. އޭނާ ބުނީ ބިއްލޫރިގަނޑު ތަޅާލުމުގެ ތެރޭގައި އަންހެން މީހާގެ އަތް ކަފައިގެން ގޮސްފައިވާ ކަމަށެވެ.
ސަންގެ ނޫސްވެރިން އައިޖީއެމްއެޗަށް ދިޔައިރު ފުލުހުން ވަނީ ގެއްލުންދިން ދެ މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެ ދެ މީހުންގެ ތެރެއިން އަންހެން މީހާގެ މަންމަ އޭރު ދިޔައީ ނުރުހުން ފާޅުކޮށް، ފުލުހުންނަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންނެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗްގައި ހަމަނުޖެހުމެއް ހިނގި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ހޮސްޕިޓަލަށް ދިޔަކަމަށާއި އެކަމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ގެއްލުންދީފައި ވަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގެ ދޮރުފަތަށް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާއާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ އޮފިޝަލެއްގެ ބަހެއް ވަނީ ނުލިބިފަ އެވެ.