ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތަކީ ވަޒީރުންނަށް ވަކިވަކިން ވޯޓަށް އެހުން ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްވެ އެވެ.


ވީޓީވީ އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ، ވަޒީރުންނަށް ގަނޑުކޮށް ވޯޓު ދިނުމަށް ސަރުކާރުން އެދޭ ކަމުގައިވީ ނަމަވެސް، އެ މަނިކުފާނަށް ވިސްނިވަޑައިގަންނަވާ ގޮތުގައި އެކަމުގައި އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތަކީ ވަކިވަކިން ކޮންމެ ވަޒީރަކަށް ރުހުން ދިނުން ކަމަށެވެ.


"ސަރުކާރުން އެދިވަޑައިގަންނަވާ ގޮތުގައި ހުރިހާ ވަޒީރުންނަށް ވެސް ގަނޑުކޮށް ރުހުން ދެއްވާ ގޮތަށް އެދިވަޑައިގަންނަވަމުން މިދަނީ. ދެން އެކަމުގައި ޚިޔާލު ތަފާތުކޮށް އެބައުޅޭ. މިހާތަނަށް އަޅުގަނޑުމެންނަށް ޕްރެސިޑެންސް އެއްވެސް އެބައޮތް ފެނިފައި. އެހެންވީމަ، މީގަ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑަށް ވިސްނެނީ  ކޮންމެ ބޭފުޅަކަށް ވެސް ހަމަ ވަކިން ރުހުން ދެއްވުން. އޭރުން އެއީ އެ ބޭފުޅުންނަށް ވެސް ވަކި ވަކިން ދެވޭ ވަރަށް ބޮޑު އިތުބާރެއް ކަމަށް އަޅުގަނޑު ދެކެނީ،" ފްރާންސްގައި ބޭއްވި ސޯޝަލިސްޓް އިންޓަނޭޝަނަލް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގެންގެން ވީޓީވީ އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވި އެވެ.


އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި މައްސަލައަށް ސުލްހަވެރި ގޮތެއްގައި ވީހާވެސް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


ވަޒީރުންނަށް ރުހުން ދޭންވީ ގަނޑުކޮށް ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ވަޒީރުންނަށް ރުހުން ދިނުމުގައި ވޯޓަށް އަހަންޖެހޭނީ ވަކިވަކިން ކަމަށެވެ. މި ޚިޔާލު ތަފާތުވުމުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި އެތައް ފަހަރެއްގެ މަތިން ހުއްޓުމަކަށް އައިސްފައިވާއިރު، މާދަމާގެ ޖަލްސާ އަށް ވެސް މި މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.