08 Sep 2013, 12:10
ނޭޕާލްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި މާދަމާ އިންޑިއާއާ ދެކޮޅަށް ނުކުންނަ އިރު އެ ޓީމާ ދޭތެރޭ ވަރަށް ބޮޑަށް ސަމާލު ވާން ޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް މިފަހަރުގެ މުބާރާތުގައި އެހާ ރަނގަޅު ނަތީޖާ ތަކެއް ނެރެވިފައި ނުވާއިރު އެޓީމަށް ސެމީ ފައިނަލުން ޖާގަ ލިބިފައިވަނީ ޕާކިސްތާން ޓީމާ ޕޮއިންޓުގެ ގޮތުންނާއި ލަނޑުގެ ތަފާތުންވެސް ހަމަހަމަވެ އެ ދެޓީމު ކުޅުނު މެޗު 1-0 އިން އިންޑިއާއަށް ކާމިޔާބު ކުރެވިފައި އޮތުމުންނެވެ.
"މީހުން އެބަ ބުނޭ މިފަހަރުގެ އިންޑިއާ ޓީމަކީ މިހާތަނަށް އެގައުމުން ބައިވެރި ކުރި އެންމެ ބަލިކަށި ޓީމޭ. އެކަމަކު އަހަރެން އެވާހަކަ ގަބޫލެއް ނުކުރަން. އެއީ އިންޑިއާގެ ގައުމީ ޓީމް. އެމީހުން ކުޅުނު މެޗުތަކުގައި ފަހުވަގުތު ލަނޑު ޖެހި ކަމުގައިވީ ނަމަވެސް އެޓީމު ވަނީ ވާދަވެރި އަދި ވަރުގަދަ ކުޅުމެއް ދައްކާފައި،" އުރުބާނީ ބުންޏެވެ. "އެންމެ ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން އެޓީމް ބަލިވި ނަމަވެސް އެ މެޗުގައިވެސް އެޓީމް ވަނީ، ވަރުގަދަ ކުޅުމެއް ދައްކާފައި. އެހެން ކަމުން ސެމީ ފައިނަލް ފަސޭހައެއް ނުވާނެ."
ރާއްޖެއާއި އިންޑިއާގެ ފަހުގެ ކުރިމަތިލުންތަކަށް ބަލާއިރު، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އުފުލައިލީ 1-0 އިން އިންޑީއާ ބަލިކުރުމަށް ފަހުއެވެ. އަދި 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި 2-0 އިން ރާއްޖެ މޮޅުވެފައިވީ ނަމަވެސް އެފަހަރުގެ ފައިނަލްގައި އިންޑިއާ އަތުން ޕެނަލްޓީ ޖަހައިގެން ރާއްޖެ ވަނީ ބަލިވެފަ އެވެ. އަދި އޭގެ ފަހުން އިންޑިއާ އަތުން ރާއްޖެ މޮޅުވެފައެއް ނުވެ އެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 3-1 އިންނެވެ.
"ކޮންމެ މެޗަކީވެސް ތަފާތު މެޗެއް. އަދި މިއީ ސެމީ ފައިނަލް. ހުރިހާ ކުޅުންތެރިންގެވެސް އަޒުމަކީ މުބާރާތް ކާމިޔާބު ކުރުން. އެހެންވީމާ މިފަހަރު އިންޑިއާ ބަލިކުރެނެ،" ރާއްޖެއާއި އިންޑިއާގެ ކުޅެފައިހުރި މެޗުތަކާ ބެހޭގޮތުން ސުވާލުކުރުމުން ކޯޗު ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް މާދަމާ އިންޑިއާ ނުކުންނަ އިރު ދެ ރީނދޫކާޑު ހަމަ ވުމުގެ ސަބަބުން އިންޑިއާ ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީއަށް ނުކުޅެވޭނެ އެވެ. އުރުބާނީ ބުނީ ޗެތުރީއަށް ނުކުޅެވުމަކީ ރާއްޖެއަށް އޮތް އެޑްވާންޓޭޖެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"ޗެތުރީއަކީ މޮޅު ކުޅުންތެރިއެއް. އޭނާއަކީ ކޮންމެ ވަގުތަކުވެސް ނަތީޖާ ބަދަލު ކޮށްލެވޭފަދަ ނުރައްކާތެރި ކުޅުންތެރިންއެއް. ޗެތުރީއަށް ނުކުޅެވޭތީ ރަނގަޅު. އެކަމަކު އޭނާއަށް ނުކުޅެވުމަކީ އަހަރެންމެނަށް އޮތް އެޑްވާންޓޭޖެކޭ ނުބުނާނަން. އަހަރެމެން ޖެހޭނީ އަހަރެމެންގެ ހުރި ހުނަރާއި ކުޅޭ ސްޓައިލް ބޭނުންކޮށްގެން އެޑްވާންޓޭޖް ހޯދަން،" އުރުބާނީ ބުންޏެވެ.
ކޯޗު ބުނީ މިފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދުމުގެ އިތުރުން ރާއްޖޭ ޓީމު ވަނީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއްޓީމަކީވެސް ރާއްޖެކަން ސާބިތު ކޮށްދީފައި ކަމަށެވެ.
ރާއްޖެއާ އިންޑިއާ ވާދަކުރާ ސެމީފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، މާދަމާ ހަވީރު ރާއްޖޭ ގަޑިން 5:45ގައި ކަތުމަންޑޫގެ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގަ އެވެ.