ވިލްނިއަސް (ސެޕްޓެމްބަރ 8): ސޫރިޔާ އަށް ޙަމަލާދިނުމަށް ޔޫރަޕްގެ ތާއީދު ހޯދުމުގެ ގޮތުންނާއި މިކަމަށްޓަކައި ގުޅިފައިވާ ބައިނަލްއަޤްވާމީ ލަޝްކަރެއް އެކުލަވާލުމަށް މަގުފަހި ކުރުމުގެ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ޔޫރަޕަށް ކުރައްވާ ދަތުރުފުޅެއް ގައި ލިޓުއޭނިޔާ އަށް ވަޑައިގެންފި އެވެ.

ސޫރިޔާ ސިފައިން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށް އެތަށްބަޔަކު މަރާލިކަމަށް ބުނާ މައްސަލައާގުޅިގެން އެގައުމަށް ޙަމަލާދިނުމަށް ޔޫރަޕްގެ ތާއީދު ހޯދަން އެމެރިކާ އަށް ޖެހިފައި ވަނީ އިނގިރޭސިވިލާތް ފަދަ އެމެރިކާގެ އެންމެގާތް ގައުމުތަކުން ވެސް ސޫރިޔާ އަށް ޙަމަލާދިނުމުގައި ބައިވެރިނުވާނެކަން ހާމަކޮށް ކުރިޔާ ޚިލާފަށް އިސްލާމީ ގައުމުތަކަށް ޙަމަލާދިނުމަށް ޔޫރަޕްގެ ގައުމުތަކުން ފަސްޖެހި މުޅިބައިނަލްއަޤްވާމީ މުޖްތަމަޢު ވެސް މިކަމުގައި ބައިބައވެފައިވާކަން ހާމަވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ޔޫރަޕްގެ ދަތުރުފުޅު ފައްޓަވާފައި ވަނީ އިރުމަތީ ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ލިޓުއޭނިޔާ އިންނެވެ. ލިޓުއޭނިޔާ އަށް ވަޑައިގެން ކެރީވަނީ އެގައުމުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި ސޫރިޔާ އަށް ޙަމަލާދިނުމުގެ ބޭނުމާއި މަޤްސަދް ތަކާބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ކެރީ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވާ ފަދަ ހެކިތައް މިބައްދަލުކުރެއް ވުމުގައި ލިޓުއޭނިޔާގެ ލީޑަރުންނަށް ހުށަހެޅުއްވި ކަމުގަ އެވެ.

މީގެއިތުރުން ސޫރިޔާގެ ދާޚިލީ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށްޓަކައި ޖެނީވާ ދެ ވަނައިގެ ނަމުގައި ބައިނަލްއަޤްވާމީ ސުލްޙައިގެ މަހާސިންތާއެއް ބޭއްވުމާބެހޭ ގޮތުން ވެސް ލިޓުއޭނިޔާގެ ލީޑަރުންނާ މަޝްވަރާ ކުރެއްވި ކަމަށް ކެރީ ވިދާޅުވި އެވެ. ލިޓުއޭނިޔާ އަށް ފަހު ކެރީ ވަޑައިގަންނަވާނީ ފަރަންސޭސިވިލާތަށާއި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނަށް ކަމަށްވެ އެވެ. އިނގިރޭސިވިލާތުގެ ޕާލަމެންޓުން ވަނީ ސޫރިޔާ އަށް ސީދާގޮތެއްގައި ޙަމަލާދިނުމުގެ އިތުރުން މިފަދަ ޙަމަލާއެއްގައި އެގައުމުގެ ސިފައިން ނުސީދާގޮތެއްގައި ވެސް ބައިވެރިވުމާ ދެކޮޅަށް ޤަރާރެއް ފާސްކޮށްފަ އެވެ.
އެ ޤަރާރާގުޅިގެން އިނގިރޭސި ސަރުކާރުން ވަނީ ސޫރިޔާ އަށް ޙަމަލާދިނުމުގައި އެގައުމުގެ ބައިވެރިނުވާނެކަން ކަށަވަރުކޮށްދީފަ އެވެ. ފަރަންސޭސިވިލާތުން ވެސް ވަނީ ސޫރިޔާ އަށް ޙަމަލާދިނުމުގައި ބައިވެރިވާނީ ޕާލަމެންޓްގެ ރުހުން ލިބިގެންކަން ހާމަކޮށްފަ އެވެ.

އެމެރިކާއާއި ޔޫރަޕުން ޢިރާޤާއި އަފްޣާނިސްތާނަށް އަރައިގަނެ އެދެގައުމުން އެތަށް ލައްކަބަޔަކު މަރައި ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކުގެ އިތުރުން މިގޮތަށް އަރައިގަތުމުގެ ސަބަބުން އެދެގައުމުގެ ޙާލަތު ކުރިޔަށްވުރެ ވެސް ގޯސްވެފައި ވާތީ އިސްލާމީ އިތުރު ގައުމުތަކަށް އަރައިގަތުމަށް ޔޫރަޕްގެ ގިނަ ގައުމުތައް މިހާރު ފަސްޖެހެމުންދާ ކަމަށް މުރާސިލުން ބުނެ އެވެ. މިގޮތަށް ފަސްޖެހުމުގެ އެންމެ ބޮޑު އެއްސަބަބަކީ ޢިރާޤާއި އަފްޣާނިސްތާނަށް އަރައި ދިގުމުއްދަތަކަށް ހަނގުރާމަ ކުރުމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ އިޤްތިސާދުތައް ބަލިކަށިވެ އިނދަޖެހިގެން ދިޔަދިޔުން ކަމަށް ވެސް މިފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)