ކެންބެރާ (ސެޕްޓެމްބަރ 8): އޮސްޓްރޭލިޔާގައި ބޭއްވިޢާންމު އިންތިޚާބު، އިދިކޮޅު ލީޑަރު ޓޯނީ އަބޫޓް ކާމިޔާބު ކުރެއްވުމާ ގުޅިގެން ބަލި ގަބޫލުކުރެއްވިކަން އެ ގައުމުގެ ބޮޑުވަޒީރު އަދި ވެރިކަންކުރާ ލޭބާ ޕާޓީގެ ލީޑަރު ކެވިން ރުޑް އިޢްލާން ކުރައްވައިފި އެވެ.

ރުޑް ވިދާޅުވީ އިންތިޚާބުގައި ފޭލްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާ އިންތިޚާބު ކާމިޔާބުކުރެއްވި ކޮންޒަވެޓިވް ލީޑާ ޓޯނީ އަބޫޓް އަށް މަރްޙަބާ ދަންނަވާ ކަމަށާއި އޮސްޓްރޭލިޔާގައި އައު ދައުރަކަށް ވެރިކަން ކުރުމުގައި އޭނާ އަށް އެހީތެރިކަމާއި އެއްބާރުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގަ އެވެ. އިންތިޚާބުގެ ނަތީޖާ އިޢްލާން ކުރުމަށް ފަހު ބްރިސްބަންގައި ބޭއްވި ރުޑް އަށް ތާއީދުކުރާ އެތައް ހާސް ބައެއްގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވި ކޮންޒަވެޓިވް ލީޑާ ޓޯނީ އަބޫޓް އަށް ފޯނުންގުޅުއްވައި މަރްޙަބާ ވިދާޅުވެ ބަލިގަބޫލުކުރެއްވިކަން އޭނާ އަށް ދަންނަވާފައިވާނެ ކަމުގަ އެވެ. އަދި ސިޔާސީ ކަންކަމުގައި ކެތްތެރިވުމަށާއި ގައުމުގެ މަސްލަޙަތު އިސްކުރުމަށް ލޭބާ ޕާޓީގެ މެންބަރުންނަށާއި ސަޕޯޓަރުންނަށް ރުޑް ގޮވާލެއްވި އެވެ. މިނާކާމިޔާބީ އާގުޅިގެން ރުޑް ވަނީ އޭނަ ނިސްބަތްވެ ވަޑައިގަންނަވާ ލޭބާ ޕާޓީގެ ޒަޢީމު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ޓޯނީ އަބޫޓްގެ ޒަޢާމަތުގެ ދަށުން އޮސްޓްރޭލިޔާގެ ކޮންޒަވެޓިވް ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނުން އިންތިޚާބު ކާމިޔާބުކުރުމުން ބޮޑުވަޒީރަކަށް ވުމުގެ ފުރްސަތު އަބޫޓް އަށް ލިބިވަޑައިގަންނަވާނެ އެވެ. އަބޫޓްވަނީ އޭނާގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބުކުރިކަން ރަސްމީ ނަތީޖާ އިޢްލާން ކުރުމުގެކުރިން އިޢްލާން ކުރައްވާފަ އެވެ. މިއިންތިޚާބުގައި އޮސްޓްރޭލިޔާގެ ރައްޔިތުންގެ ތެރެއިން 14 މިލިޔަން މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ އިރު 60 އިންސައްތަ އަށް ވުރެ ގިނަ މީހުން ވޯޓުގައި ބައިވެރިވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ.

އޮސްޓްރޭލިޔާގެ ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާ ރޭ އިޢްލާންކުރި އިރު 150 ގޮނޑި ހިމެނޭ ޕާލަމެންޓްގެ 88 ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ކޮންޒަވެޓިވް ޕާޓީގެ ކޯލިޝަނުންނެވެ. ވެރިކަންކުރާ ލޭބާ ޕާޓީ އަށް ލިބުނީ 57 ގޮނޑި އެވެ. ބާކީ ގޮނޑިތައް ކާމިޔާބުކުރީ މުސްތަގިއްލު ފަރާތްތަކުން ނާއި ކުދި ޕާޓީތަކުންނެވެ. މިނަތީޖާއާ ގުޅިގެން، އޮސްޓްރޭލިޔާގައި މީގެ ހަ އަހަރުކުރިން ފެށިގެން ވެރިކަންކުރަމުންގެންދާ ލޭބާ ޕާޓީގެ ވެރިކަމުގައި ވަނީ ނިމުމުގެ ސިއްކަ ޖެހިފަ އެވެ.

އިއްޔެ އޮސްޓްރޭލިޔާގައި ބޭއްވި ޢާންމު އިންތިޚާބުގައި ބޮޑު ބައްޔަކުން ލޭބަރ ޕާޓީ ބަލިވާނެކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ވެސް ހާމަވެފައިވާތީ ރުޑްވަނީ އެންމެފަހުވަގުތު ވެސް ރައްޔިތުންގެ ތާއީދު ހޯއްދަވައި ބަލިން ސަލާމަތް ކުރެއްވުމަށް އެތަށް ވަޢްދެއް ވެވަޑައިގެންފަ އެވެ.

މީގެ ދެތިން މަސްކުރިން ބޮޑުވަޒީރު ކަމާ ޙަވާލުވެވަޑައިގެންނެވި ރުޑް އަކީ އޭނާ ނިސްބަތްވާ ލޭބާ ޕާޓީގެ ވެރިކަމުގައި މީގެ ކުރިން ވެސް ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެ ޕާޓީގެ ވެރިކަމުގައި ރުޑް އަށް ވެރިކަން ގެއްލިވަޑައިގަތީ ޖޫލިޔާ ގިލާޑް އޭނާ އަށް ގޮންޖައްސަވައި 2010 ވަނަ އަހަރު ޕާޓީގެ ތެރެއިން ބޮޑުވަޒީރުކަން ހޯއްދެވުމުންނެވެ. މި ދެ ބޭފުޅުން ވެސް ނިސްބަތްވެ ވަޑައިގަންނަ ވަނީ އޮސްޓްރޭލިޔާގައި މިހާރު ވެރިކަންކުރާ ލޭބަރ ޕާޓީ އަށެވެ.

ކެވިން ރުޑްއަކީ މިފަހަކަށް އައިސް އޮސްޓްރޭލިޔާގައި ވެރިކަންކުރި ބައިމަދު ސަރުކާރުގެ ބޮޑުވަޒީރެވެ. (ނޫސްއެޖެންސީތައް)