08 Sep 2013, 05:57
އިއްޔެ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
ރޭ ފަތިހު ދަރުބާރުގޭގައި އިއުލާން ކުރި އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 95،224 މީހުންގެ ވޯޓާ އެކު އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ނަޝީދަށް ލިބިފައި ވަނީ ވޯޓުލީ މީހުންގެ 45.45 ޕަސެންޓެވެ.
އިންތިހާބުން ދެވަނާގައި އުޅެނީ 53،099 މީހުންގެ ވޯޓާ އެކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އެއީ ވޯޓުގެ 25.35 ޕަސެންޓެވެ.
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 50،422 މީހުންގެ ވޯޓެވެ. އެއީ ވޯޓުގެ 24.07 ޕަސެންޓެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ވޯޓުލާފައި ވަނީ 10،750 މީހުން ނެވެ. އެއީ ވޯޓުގެ 5.13 ޕަސެންޓެވެ.
ބާތިލު ވޯޓުގެ ގޮތުގައި 2،395 ވޯޓު އިލެކްޝަންސް ކޮމިޝަނުން ވަނީ ރެކޯޑުކޮށްފަ އެވެ.
އެއާ އެކު، އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު އުޅެނީ 21،1890 ގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއީ ވޯޓުލާ ޖުމްލަ އާބާދީގެ 88.44 ޕަސެންޓް ކަމަށެވެ.
ވަގުތީ ނަތީޖާ އިއުލާންކުރަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ކަންކަން ހިނގާދިޔަ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާންކުރާނެ ކަމަށް އެންމެ ފުރަތަމަ ބުނެފައި ވަނީ ރޭ 11:00 ގަ އެވެ. އޭގެ ފަހުން، އެ ގަޑި 1:00 ބަދަލުކުރުމަށް ފަހު، ގަޑިއިރަކުން ގަޑިއިރެއް ޑިލޭވަމުން ގޮސް، ނަތީޖާ އިއުލާންކޮށްފައި ވަނީ ފަތިހު 4:30 އެހާއިރު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ނަތީޖާ އިއުލާންކުރުން ލަސްވީ މަޖީދިއްޔާ ސްކޫލުގައި ހުރި އައްޑޫ ސިޓީގެ ހިތަދޫގެ ވޯޓު ފޮއްޓަކާއި ގަލޮޅު މަދަރުސާގައި ހުރި ވޯޓު ފޮއްޓެއް ގުނުމުގެ ތެރޭގައި ޖެހުނު މައްސަލަތަކެއް ހޫނުވުމުން ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން އިންތިހާބުގެ ނަތީޖާއެއް ކަނޑައެޅޭނީ އިތުރު ބުރެއްގެ ވޯޓުލުން ކުރިއަށް ގެންގޮސްގެން ނެވެ. އެއީ އިލެކްޝަންސްގެ ގާނޫނު ބުނާ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓުގެ އިތުރުން އެއް ވޯޓު ލިބޭ ފަދަ ސާފު މެޖޯރިޓީއެއް ނެތުމުން ނެވެ.
ދެވަނަ ބުރުގައި ވާދަކުރާނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އެވެ.