07 Sep 2013, 22:30
ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކާ އެކު މަޝްވަރާކުރަން ފަށާފައިވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ނަސަންދުރާ ޕެލެސް ހޮޓެލްގެ އަބާރަނަ މާލަމުގައި ހަދާފައިވާ "ފިއުޝަން ސެންޓާ"ގައި ޕީޕީއެމްގެ ކެމްޕެއިން ޓީމާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން މިރޭ ވިދާޅުވީ ދެވަނަ ބުރު ކާމިޔާބުކުރެވޭނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވުމުން ޕީޕީއެމްގެ ލީޑާޝިޕުން އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ދެވަނަ ބުރަށް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށައިފިން. ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބުކުރެވޭނީ ކޯލިޝަނެއްގެ ތެރެއިން،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވީ މިފަހަރުގެ އިންތިހާބުން ގާތްގަނޑަކަށް މިފެންނަނީ 2008ގެ ނަތީޖާތައް ކަމަށެވެ. އެފަހަރު އެމަނިކުފާނަށް 44 ޕަސަންޓް ލިބިވަޑައިގެން އިރު، ނަޝީދަށް ލިބިވަޑައިގަތީ 25 ޕަސެންޓު ކަން ފާހަގަކުރަމުން މައުމޫން ވިދާޅުވީ މިއިންތިހާބުގައި އެނަތީޖާ ފުރޮޅިފައިވާ ކަމަށެވެ.
ޕީޕީއެމްގެ އިންތިހާބީ ކޯޑިނޭޓަރުންނާ ވާހަކަ ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ އިންތިހާބުގެ ނަތީޖާ އަށް ބަލާ އިރު، ގިނަ އަދަދެއްގެ ވޯޓު ލިބޭނެ ކަމަށް ގަބޫލުކުރެވުނު ބައެއް އަތޮޅުތަކުން ވެސް ވޯޓު ބައިބައިވެފައިވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އެކަން މެދުވެރިވީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އެކަތިގަނޑަކަށް ވުމުގެ ބަދަލުގައި ބައިބައިވުމުން ކަމަށެވެ.
އިންތިހާބުގައި މިހާތަނަށް "ސަން" އަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވަނީ 44 ޕަސެންޓް ހޯއްދަވައިގެން އެންމެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އަދި 25 ޕަސެންޓާ އެކު ދެވަނާގައި އުޅުއްވަނީ ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. ސައުވީސް ޕަސެންޓާ އެކު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ތިންވަނާގައި އުޅުއްވާ އިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ލިބިވަޑައިގެންފައި ވަނީ ފަސް ޕަސެންޓެވެ.
އިންތިހާބު ކާމިޔާބުކުރުމަށް 50 ޕަސެންޓްގެ އިތުރުން އެއް ވޯޓް ބޭނުންވާތީވެ، ނަތީޖާ މިހެން އޮވެގެން ނިމިއްޖެ ނަމަ އިންތިހާބު އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވާނެ އެވެ.