ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ވަކި ޓީމަކާ ވާދަކުރަން ޖެހުމުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް އަފްޣާނީސްތާން ޓީމުގެ ކޯޗު ޔޫސުފް ކަރްގަރު ބުނެފި އެވެ.

ގްރޫޕް ސްޓޭޖްގައި އަފްޣާން ކުޅުނު އެންމެ ފަހު މެޗުގައި ރާއްޖެއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރު ވުމުން އެ ޓީމް ސެމީގައި ވާދަކުރަން ޖެހެނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ގްރޫޕް އޭ ގެ އެއްވަނަ ހޯދި ނޭޕާލް ޓީމާ އެވެ.

އަފްޣާން ކޯޗު ބުނީ 2011 ވަނަ އަަހަރުގެ ސާފް ޗެމްޕިއަޝިޕްގެ ސެމީގައި ނޭޕާލް އަތުން އަފްޣާން މޮޅުވީ އިންޑިއާގައި ކަމަށާއި މިފަހަރުގެ ސެމީގައި ތަފާތަކީ ނޭޕާލަށް އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބުން ކަމަށެވެ.

"އަހަރެމެން އުންމީދުކޮށްގެން ތިބީ ސެމީގައި އިންޑިއާއާ ވާދަކުރަން. ސަބަބަކީ ނޭޕާލާ ކުޅެން ޖެހޭއިރު އެމީހުންގެ އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހޭނީ. މިހާރު އަހަރެމެން މި ޖެހެނީ ނޭޕާލާ ވާދަކުރަން އެއީކީ މައްސަލައެއް ނޫން،" ޔޫސުފް ކަރްގަރު ބުންޏެވެ. "އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި އަހަރެމެން ނޭޕާލް ބަލި ކުރީ އިންޑިއާގައި. މިފަހަރު ނޭޕާލްގައި ކުޅެން ޖެހުމުން ތަފާތު ތަކެއް ހުންނާނެ. އެއީ ނޭޕާލު ޓީމު އެމީހުންގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅެން ޖެހުމުން ހޯމް އެޑްވާންޓޭޖް އޮންނާނެ."

އިއްޔެ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗާ ބެހޭ ގޮތުން ކަރްގަރު ބުނީ، މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަަމަށެވެ.

"މެޗުގެ ކުޅުމާ ދޭތެރޭ އަހަރެން ހިތްހަމަ ޖެހޭ. އަހަރެމެންނަށް ލަނޑުޖަހާނޭ ފުރުސަތުތައް ލިބި ބޭކާރުވި ނަމަވެސް މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް އަހަރެމެން،" އަފްޣާން ކޯޗު ބުންޏެވެ.

އަފްޣާން ޓީމުގެ ފޯވަޑް ބިލާލް އަރޭޒޯއަށް މި މުބާރާތުގައި ލަނޑު ނުޖެހެނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ކަރުގަރު ބުނީ އޭނާ އަނިޔާގައި ހުރެފައި ރަނގަޅުވީ ވަރަށް ފަހުން ކަމަށެވެ.

"ކޮންމެ ކުޅުންތެރިއަކަށް ވެސް ރަނގަޅަށް ކުޅެވޭ ދުވަސްވަރަކާއި ނުކުޅެވޭ ދުވަސްވަރު ވެސް އަންނާނެ. ބިލާލަށް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހިފައި. އަދި އޭނާ ރަނގަޅަށް ކުޅެން އެފެށީ ވަރަަށް ފަހުން،" އަފްޣާން ކޯޗު ބުންޏެވެ. "އެންމެ ފަހުގެ ސެމީ ފައިނަލްގައިވެސް ނޭޕާލް ކޮޅަށް ލަނޑު ޖެހީ ބެލާލް. އެހެންވީމާ މިފަހަރުވެސް ސެމީގައި އޭނާ ލަނޑު ޖަހާނެ ކަމަށް އުންމީދު ކުރަން."

ސެމީ ފައިނަލްގެ ފުރަތަަ މެޗުގައި އަންނަ އާދީއްތަ ދުވަހު ހަވީރު ވާދަކުރާނީ އަފްޣާނިސްތާނާއި ނޭޕާލް އެވެ. އެ މެޗު ކުޅޭނީ ރާއްޖޭ ގަޑިން ހަވީރު 5:45ގައި ދަސަރަތު ސްޓޭޑިއަމްގަ އެވެ.