ގދ. ތިނަދޫން: މުރުޝިދު އަބްދުލް ހަކީމް

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނާ ގުޅޭ ގޮތުން ގދ. އަތޮޅުގެ ރަށްތަކުން ހުށަހަޅާފައި ވަނީ އެންމެ ހަތަރު މައްސަލަ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިން ބިޔުރޯއިން އިން ބުނެފި އެވެ.

އިންތިހާބާ ބެހޭ ޝަކުވާތައް ބެލުމަށް އުފައްދާފައިވާ ކޮމްޕްލެއިންސް ބިޔުރޯއިން ގދ. އަތޮޅަށް ކަނޑައަޅާފައި ހުންނަވާ އިސްބޭފުޅެއްގެ ގޮތުން ހުންނަވާ ނުޒުހަތު ސަން އަށް މިރޭ ވިދާޅުވީ ހުށަހަޅާފައިވާ ހަތަރު މައްސަލައިގެ ތެރޭގައި އެންމެ ބޮޑަށް ހިމެނީ އެންޓި ކެމްޕެއިން ކުރަމުންދިޔަ ކަމުގެ މައްސަލަ ކަމަށެވެ.

ނުޒުހަތު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވާފަދަ އަމަލު ހިންގަމުންދާ ކަމަށް ބުނެ އެ ކޮމިޓީއަށް ހުށަހެޅި މައްސަލަ ނިންމުމަށްފަހު އިންތިހާބަށް ނުފޫޒުފޯރާ ފަދަ އަމަލު ނުކުރުމަށް މައްސަލަ ރައްދުވާ ފަރާތަށް ލިޔުމުން އަންގާފައިވާ ކަމަށެވެ. ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންޓި ކެމްޕެއިން ކުރާކަމަށް ބުނެ މިއަދު ހުށަހެޅި މައްސަލައެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މި އަތޮޅަށް ކަނޑައަޅާފައިވާ އޮފިސަރާ އެކު ހިއުމަންރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އިންތިހާބު ކަވަރުކުރަން މިރަށުގައި ތިބި މޮނިޓަރުންނާ އެކު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. މިރަށު އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރުމުގައި އިންތިހާބު އޮބްޒާވް ކުރުމާ ބެހޭ ގޮތުން ހުރި ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަނީ ޖަވާބުދީފަ އެވެ.