މާދަމާ ބާއްވާ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފުލުހުންގެ ހަރަކާތްތަކުގެ އެލާޓް ލެވެލް ދޭކަށް ބަދަލުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު އިރު އޮއްސި ހައެއްގެ ފަހުން ފުލުހުންގެ އެލޭޓް ލެވެލް ދޭކަށް ބަދަލުކޮށްފައިވާ ކަމަށާއި އެގޮތުން ފުލުހުންގެ މަސައްކަތް މިހާރު ހަތަރު ޝިފްޓުން ދެ ޝިފްޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ފުލުހުން ވަނީ "ބްލޫ ވޭވް" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއްވެސް ހިންގާފަ އެވެ. އެގޮތުން އިންތިހާބުގެ ވޯޓުލާ ނިމި ނަތީޖާ ފާޅުކުރުމަށްފަހު ރާއްޖޭގެ ރައީސް ކަމަށް އަންނަ ބޭފުޅަކު ހުވާ ކުރައްވަންދެން އެ އޮޕަރޭޝަން ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހަރަކާތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅު ތަކަށް 400 އަށްވުރެ ގިނަ ފުލުހުން ފުރާފައިވާއިރު ކޮންމެ ވޯޓު ފޮށްޓެއް ކައިރީގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނާއި ގުޅިގެން ފުލުހުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާގޮތުގެ އެންމެ ފަހުގެ މައުލޫމާތު ދިވެހި ރައްޔިތުންނަށް ވަގުތުން ވަގުތަށް ގެނެސްދިނުމަށްޓަކައި ފުލުހުންވަނީ "ޕޮލިސްލައިފްޑޮޓްއެމްވީ" ގައި ހާއްސަ ލައިވް ކަވަރޭޖެއް ވެސް ފަށާފަ އެވެ.