ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި އެކު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖަންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރާއި 30 އަހަރާއި 28 އަހަރުގެ މީހެއް ކަމަށެވެ.

އެ މީހުން ހައްޔަރު ކުރީ ތިން މީހުންގެ ހަރަކާތްތަކަށް ފުލުހުން ފާރަވެރިވަމުން ދަނިކޮށް އޭގެ ތެރޭގައި ހިމެނޭ 33 އަހަރުގެ މީހާ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހިފައިގެން ގޮސް ފިހާރައެއްގެ ކުރިމަތީ މަޑުކޮށްލައިގެން ހުއްޓައި، އަނެއް ދެމީހުން އެކުގައި ގޮސް އެތަކެތި ހިފައިގެން ދާން ފެށުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ 30 އަހަރުގެ މީހާ ހައްޔަރުކުރަން އުޅުމުން އަތުގަ އޮތް ކޮތަޅެއް ބިންމައްޗަށް އެއްލައިލުމަށްފަހު ނުކިޔަމަންތެރިކަން ދައްކައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިކުރިއިރު އޭނާގެ ޖީބުން ބައިލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނުނު އިރު އޭނާ ބިންމައްޗަށް ވައްޓާލި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމްހުސްކުރި ހަތަރު ދަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން މަސްތުވާތަކެތި ހަވާލުކުރަން ދިޔަ 33 އަހަރުގެ މީހާ ދިރިއުޅޭ، ގ. ތަބުރުގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުން އޭނާގެ ކޮޓަރިން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އާއި ފަސްދޮޅަސް ހަހާސް ޑޮލަރު ފެނިފައިވާ ކަމަށެވެ.

މި މިއްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.