21 Nov 2010, 17:10
ބައެއް މީޑިއާތަކަށް އަސްލެއްނެތް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ހުޅެލޭ އައިލޭންޑް ހޮޓަލުގައި 10 އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވާ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
އެ ހޮޓަލުގެ އިލެކްޓިރިޝަނެއްގެ ގޮތުގައި މަސައްކަތް ކުރި، ޅ. ނައިފަރު، މުރަވި އުމަރު މޫސާ މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ އޭނާ މިއަދު ވަޒީފާ އިން ވަކިކުރީ މި މަހު ހަ ވަނަ ދުވަހު ވަޒީފާ އަށް ނުކުތުމަށް ސަސްޕެންޑްކޮށް ގޭގައި ބެހެއްޓުމަށް ފަހު ކަމަށެވެ.
މޫސާ ބުނީ އޭނާ ވަޒީފާ އިން ވަކިކުރީ، ހުޅުލޭ އައިލެންޑް ހޮޓަލުގައި ވަޒީފާގެ ޤާނޫނާ ހިލާފު ބައެއް މައްސަލަތައް ހުރުމުން އެ މައްސަލަތައް ބަޔާންކޮށް މި އަހަރު ކުރީކޮޅު ހިއުމަން ރިސޯސް މިނިސްޓްރީ އަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ކަމަށެވެ.
އޭނާ ބުނީ ހިއުމަން ރިސޯސަސް މިނިސްޓްރީ އަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ހޮޓަލުގެ އިސް ވެރިން އެ މައްސަލަ ތަހުގީގު ކުރި އިރު، އެ ޕެޓިޝަނުގައި ސޮއިކޮށްފައިވާ 13 މީހުންގެ އިސް މީހަކަށް އުޅުނީ އޭނާ ކަން އެ ހޮޓަލުގެ އިސް ވެރިންނަށް އެނގިފައިވާ ކަމަށާއި އަދި ވަޒީފާ އިން ވަކިކުރި މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ބުންޏެވެ.
"ރަނގަޅު ވާހަކައެއް، އެ މަސައްކަތުގައި އިސްކޮށް އުޅުނީ އަޅުގަނޑު. އަޅުގަނޑުމެން މަސައްކަތް ކުރީ ހައްގުތަކެއް ހޯދަން. ކޮންމެ މީހަކަށް ވެސް މިނިވަންކަމާ އެކު ހިޔާލުފާޅު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ ބުނޭ. އަޅުގަނޑުމެން ހިޔާލު ފާޅުކުރުމުން އަޅުގަނޑު ވަޒީފާ އިން ވަކިކޮށްފައި ވަނީ ގަވާއިދާ ހިލާފަށް،" މޫސާ ބުންޏެވެ.
ހިއުމަން ރިސޯސަސް މިނިސްޓްރީ އަށް ހުށަހެޅި ޕެޓިޝަނުގައި ތަފާތު ހަތް މައްސަލައެއް އެ ހޮޓަލާ ދެކޮޅަށް ހުޅަހަޅާފައި ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މޫސާ ބުނި ގޮތުގައި ހުޅެލޭ އައިލޭންޑް ހޮޓަލުގައި މުވައްޒަފުން އަމަލުކުރުމަށް ހަދާފައިވާ ގައިވާދު ލިޔެފައިވާ ލުއިފޮތަކީ ޤާނޫނު އަސާސީ އާއި އަދި ވަޒީފާ އާ ބެހޭ ޤާނޫނާ ހިލާފަށް ތައްޔާރު ކޮށްފައިވާ ފޮތެކެވެ.
"ލުއިފޮތް ތައްޔާރު ކޮށްފައި އޮތީ 2000 ވަނަ އަހަރު. އާ ޤާނޫނު އަސާސީ ތަސްދީގު ކުރީ 2008 ވަނަ އަހަރު. ލުއި ފޮތުގައި އެބަހުރި ޤާނޫނު އަސާސީ އާއި ވަޒީފާ އާ ބެހޭ ޤާނޫނާ ހިލާފުކަންތައްތަކެއް. ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބޭފުޅުން ޖެހޭނެ މި ގަވާއިދަށް ބަދަލުގެންނަނަށް،" މޫސާ ބުންޏެވެ.
ހުޅުލޭ އައިލޭންޑް ހޮޓަލުން އެ މީހުންގެ މައްސަލަ ބަލަން ފަށާފައި ވަނީ، އޭނާ ތުހުމަތު ކުރި ގޮތުގައި، ނަން ހާމަނުކޮށް އެ މީހުން މީޑިއާ އާ ހިއްސާ ކުރި، ޕެޓިޝަނުގައި ހުރި ނަންތައް ބައެއް މީޑިއާތަކުން ހުޅުލޭ އައިލޭންޑް ހޮޓަލުގެ އިސްވެރިނާ ހިއްސާކުރުމުންނެވެ.
"އަޅުގަނޑަށް ޔަގީން ޕެޓިޝަނުގައި ސޮއިކުރި މީހުން ހުޅުލޭ އައިލޭންޑް ހޮޓަލަށް ހާމަކުރީ މީޑިއާ އިން ކަން. އަޅުގަނޑު އިންޓަވިއު ދީފައި ގެއަށް ނުދެވޭ ހުޅުލޭއައިލޭންޑް ހޮޓަލުން އަޅުގަނޑަށް ގުޅައިފި.... ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި އޮންނާނެ މަސްދަރު ހާމަ ނުކުރަން." މޫސާ ބުންޏެވެ.
އޭނާ ބުނީ އޭނާގެ ގައިގެ ބާރުދަށްވި ވަގުތު ހުޅުލޭ އައިލެންޑް ހޮޓަލުން އޭނާ ވަޒީފާ އިން ވަކިކުރި ކުރުމަކީ އުމުރުން ދުވަސްވީ މީހުންނަށް އެ ހޮޓަލުން އެއްވެސް ވަރަކަށް އަޅާނުލާކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށާއި އޭނާ ބަލަހައްޓަން ޖެހޭ ދެކުދިންނާއި އަންބެއް ހުރި ކަމަށެވެ.
"އަޅުގަނޑުގެ ދެ ކުދިންނާ އަނތްބެއް ހުއްނާނެ. މިއީ ހަމަ އުމުރުން ދުވަސްވީ މީހުން ވަޒީފައިން ދުއްވާލަން ކުރާކަމެއް. ޕެޓިޝަނުގައި ބުނެފައި އޮންނާނީ އަޅުގަނޑުމެންނޭ. ވަކިން އަޅުގަނޑެކޭ ބުނެފައެއް ނޯންނާނެ. މިހެންވީމާ އަޅުގަނޑު އެކަނި ވަކިކުރުމަކީ ވެސް ސުވާލު އުފެދޭ ކަމެއް." އޭނާ ބުންޏެވެ.
މޫސާ ވަޒީފާ އިން ވަކިކުރުމާ ގުޅޭގޮތުން ހުޅުލޭ އައިލޭންޑް ހޮޓަލުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާކަމަށް އެ ހޮޓަލުން ބުންޏެވެ.