06 Sep 2013, 20:10
އދ. ދަނގެތީގައި މިރޭ ޖުމްހޫރީ ކޯލިޝަންގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާ ބައެއް މީހުންނަށް ކުދި އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ދަނގެތީގައި ހުރި "ސަން"ގެ މޮނީޓަރު އައްބާސް އިބްރާހިމް ބުނީ ހަމަނުޖެހުން ހިނގާފައި ވަނީ މިއަދު ހަވީރު ކެމްޕެއިން ނިންމާލަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން ކުރިއަށް ދިޔަ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ.
އައްބާސް ބުނީ ޖޭޕީ އިން ކެމްޕެއިން ނިންމާލުމުގެ ގޮތުން ބެނާއެއް ދަމަމުންދަނިކޮށް، ކައިރީގައި ހުރި އެމްޑީޕީގެ ޖަގަހާގައި ތިބި ސަޕޯޓަރުން ނުރުހުން ފާޅުކުރީ އެބެނާ އެމްޑީޕީގެ ބެނާއަކާ މާ ކައިރިވުމުން ކަމަށެވެ.
އަދި އޭގެ ފަހުން އެމްޑީޕީ އިން ޖުމްހޫރީ ޕާޓީގެ ހަރުގޭގެ ކައިރީގައި ކެމްޕެއިން ބޯޑެއް ބެހެއްޓި ކަމަށާއި އެހެން ހެދުމުން ޖޭޕީގެ ހަރުގެއިން ދެކުއްޖަކު ނިކުމެ، އެމްޑީޕީއިން ބެހެއްޓި ބޯޑުގެ ކައިރީގައި ބެނާއެއް ހިފަހައްޓައިގެން މަޑުކުރި ކަމަށް މަންޒަރު ދުށް ފަރާތަކުން ސަން އަށް މައުލޫމާތު ދެމުން ބުންޏެވެ.
އައްބާސް ބުނީ މައްސަލަ ހޫނުވީ މިހިސާބުން ކަމަށާއި އެމްޑީޕީގެ ސަޕޯޓަރުން ޖޭޕީގެ ބެނާ ހިފައިގެން ތިބި ދެކުދިންނަށް ހަމަލާދިނީ ކަމަށެވެ.
މަންޒަރު ދުށް އެހެން ފަރާތަކުން ސަން އަށް މައުލޫމާތު ދެމުން ބުނީ ހަމަނުޖެހުމުގެ ތެރޭގައި އެމްޑީޕީ އަދި ޖޭޕީގެ ކެމްޕެއިން ޖަގަހަ ތެރޭގައި ހުރި އެއްޗެހި ހަލާކުކޮށް، ބެނާތަކާއި ދިދަ ފަތިތައް ނައްޓާ ހެދީ ކަމަށެވެ.
"ފުލުހުން އައީ މިކަމުގެ މައިގަނޑު ކަންތައް ހިނގާ ނިމުމަށް ފަހު. މިހާރު އެ މައްސަލަ ވަނީ ހައްލުކޮށްފައި،" އޭނާ ސަން އަށް މައުލޫމާތު ދެމުން ކިޔައި ދިނެވެ.
އެ ހަމަނުޖެހުމުގައި އެކެއްގެ އަނގަމަތި ފަޅާލާފައިވާ ކަމަށާއި އެހެން މީހެއްގެ ކަށިމަތިން ފަޅާލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދަނގެތީގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށާއި އެކަން މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.