މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ އިދާރީ އިންތިޒާމުތައް ރަނގަޅުކުރަން ޖަޕާނުގެ ކޭއާރް ގްރާންޓްގެ ދަށުން 11.3 މިލިޔަން ރުފިޔާ ދީފައިވާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ ސްރީލަންކާ އަށާއި ރާއްޖެ އަށް އެކްރެޑިޓްކޮށްފައިވާ ޖަޕާނު އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އޮނިގަނޑު ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓަށް ޖަޕާނުގެ ކޭއާރް ގްރާންޓްގެ ތެރެއިން 11.3 މިލިޔަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓަކީ ޑިމޮކްރެޓިކް އާއްމު އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ރާއްޖޭގެ އިލެކްޝަން ކޮމިޝަނަށް އެހީތެރިވެދިނުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށް ޖަޕާނުގެ ބަޔާނުގައިވެ އެވެ.
އިންތިހާބަށް ކޮންމެހެން ބޭނުންވާ މެޝިނަރީ އާއި އިކްއިޕްމެންޓް ގަތުމަށާއި ވޯޓަ އެޑިއުކޭޝަން ޕްރޮގްރާމްތަކަށް މި އެހީ އިން ހަރަދުކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

"މިއެހީގެ ސަބަބުން ދިވެހި ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ ގާބިލުކަން އިތުރުވެ، ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޖަޕާނު ސަރުކާރާއި ރައްޔިތުން އުއްމީދުކުރެއެވެ،" ޖަޕާނުގެ ބަޔާނުގައިވެ އެވެ.