އިސްލާމްއާބާދު (ސެޕްޓެމްބަރ 6): އެމެރިކާ އިން ޕާކިސްތާނުގެ ޕަޝްތޫން ސަރަހައްދަށް ވައިގެ މަގުން ޙަމަލާދީ ހަ މީހަކު މަރާލައިފި އެވެ. ޕާކިސްތާނުގެ އަމަނާ ބެހޭ ފަރާތްތައް ބުނާ ގޮތުން އެމެރިކާ މިޙަމަލާ ދީފައި ވަނީ ޕައިލެޓަކާނުލައި އުދުހޭ ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.

އެމެރިކާގެ ޙަމަލާތަކުގައި މަރުވި ހަ މީހުންނަކީ ޢާންމުންކަން ނޫނީ ހަނގުރާމަވެރިންކަން ޕާކިސްތާން ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަފްޣާނިސްތާނާއި ޕާކިސްތާން ގުޅިފައިވާ ސަރަހައްދީ ރޮނގުގައި ޙަރަކާތްތެރިވާ ހައްޤީ ނެޓްވާކުގެ ހަނގުރާމަވެރިންނަށް ކަމަށާ މިޙަމަލާތަކުގައި މަރުވެފައިވަނީ ވެސް އެ ޖަމާއަތުގެ ހަ ހަނގުރާމަވެރިއެކެވެ. ނަމަވެސް މުސްތަޤިއްލު ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. މިއީ އަލްޤާއިދާއާ ގުޅިފައިވާ ޖަމާއަތެއްކަމަށް އެމެރިކާ ބުނެ އެވެ.

"ޓެރަރިސްޓުން" ނަށް އަމާޒުކޮށްގެން ކަމަށްބުނެ އެމެރިކާ ޕާކިސްތާނަށް ދެމުންގެންދާ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ގާނޫނުގައި ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައާއި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭނެ ހަމަލާތަކެއް ކަމަށް ޤާނޫނީ ތަޖްރިބާކާރުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކެ އެވެ. ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނަށާއި ޔަމަން ފަދަ އިސްލާމީ ގައުމުތަކަށް އެމެރިކާ ދެމުންގެންދާ ޙަމަލާތަކުގައި ގިނައިން މަރުވަމުންދަނީ އެގައުމުތަކުގެ ކުށެއްނެތް ޢާންމުންނެވެ. މިގޮތުން 2012 ވަނަ އަހަރުވެސް އެމެރިކާގެ ޑްރޯން ހަމަލާތަކުގައި ޕާކިސްތާނުގެ 800 އަށްވުރެ ގިނަ ޢާންމުން މަރާލާފައިވާ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެ އެވެ.

މީގެ އިތުރުން ޕާކިސްތާނުން ވަނީ މިއީ އެގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އެމެރިކާ ފާޅުގައި އަރައިގަތުން ކަމަށް ސިފަކޮށް މިފަދަ ހަރުކަށި އަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް އެމެރިކާ އަށް ގޮވާލާފަ އެވެ. ނަމަވެސް އެމެރިކާ ވަޒީރުސްތާނަށް މިޙަމަލާތައް ދެމުންގެން ދަނީ ނުސީދާ ގޮތެއްގައި ޕާކިސްތާން ސަރުކާރުގެ ރުހުން ލިބިގެން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. އެމެރިކާ ޑްރޯން ޙަމަލާތައް އިއްޔެ އަމާޒުކޮށްފައިވާ ޕަޝްތޫން ސަރަހައްދަކީ ޕާކިސްތާނުގެ ޤަބީލާ ސަރަހައްދެއް ކަމަށް ވަޒީރުސްތާނުގެ ސަރަހައްދެކެވެ. (ނޫސްއެޖެންސީތައް)