06 Sep 2013, 18:54
ސެންޕީޓާސްބާގް (ސެޕްޓެމްބަރ 6): ރަޝިޔާގެ ސެންޕީޓާސްބާގްގައި ކުރިޔަށްދާ ޖީ 20ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި ސޫރިޔާގެ މައްސަލާގައި އެގައުމުތަކުގެ ލީޑަރުން ބައިވެފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އިޤްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ހަލުއިކަމާ އެކު ކުރިޔަށްދާ ޖީ 20ގެ ގައުމުގެ އިސްވެރިންގެ ތެރެއިން އެންމެ ދެ ލީޑަރުންނޫނީ އެމެރިކާ އިން ސޫރިޔާ އަށް ޙަމަލާދިނުމަށް ތާއީދުކުރައްވާފައިނުވާ އިރު އެމެރިކާ އިން ވަނީ ރަޝިޔާއިން ސޫރިޔާއާ މެދު ގެންގުޅޭ ސިޔާސަތާ މެދު ކަންބޮޑުވެ މާޔޫސްވާކަން ހާމަކޮށްފަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަރިހުގައި މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ އެމެރިކާގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ސަމަންތާ ޕަވާ ވަނީ ސޫރިޔާގެ މައްސަލާގައި ރަޝިޔާއިން އދ.ގެ ސަލަމާތީ މަޖިލިސް ޙިސާރުކޮށް އެމަޖިލިސް ހައިޖެކް ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ޖީ 20ގެ ސަމިޓްގެ އެޖެންޑާގައި މައިގަނޑު ގޮތެއްގައި ހިމެނިފައި ވަނީ އިޤްތިސާދާއި ވިޔަފާރިއާ ބެހޭ މައްސަލަތައް ކަމަށް ވެފައި މިއެޖެންޑާގައި ސޫރިޔާގެ މައްސަލަ ހިމެނިފައި ނުވި ނަމަވެސް އެސަމިޓްގައި އެންމެ ބޮޑަށް ވާހަކަ ދެކެވެމުން ދަނީ ސޫރިޔާގެ މައްސަލައާ މެދުގައި ކަމަށް މުރާސިލުން ބުނެ އެވެ. މިގޮތުން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެވޭ މައްސަލައާއި އެކަމުގެ ރައްދުގައި ކަމަށްބުނެ ސޫރިޔާއަށް އިސްވެ ޙަމަލާދިނުމަށް އެމެރިކާ ތައްޔާރުވަމުންދާ މައްސަލައާބެހޭގޮތުން ސަމިޓްގެ ލީޑަރުން ރޭގައި ބޭއްވި ފަރިއްކޮޅުގައި ވެސް ވަރަށްބޮޑަށް ސައްލާކުރެއްވި ކަމަށްވެ އެވެ.
ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން ދެހާހެއްގައި މީހުން މަރުވެފައިވާ އިރު މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ޚަބަރު ލިބެ އެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ކެމިކަލް ހަތިޔާރުން ޙަމަލާދިނީ ސޫރިޔާ ސަރުކާރު ސިފައިން ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މިކަމާ ބެހޭ އދ. ގެ ތަޙްޤީޤްތަކުގެ ނަތީޖާ އަދި ނެރެފައެއްނުވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސޫރިޔާ އަށް ޙަމަލާދިނުމަށް ޓަކައި ބައިނަލްއަޤްވާމީ ކޯލިޝަނެއް ހެދުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހުށަހެޅުއްވި ހުށަހެޅުމަށް ސަމިޓްގެ ލީޑަރުން ވަނީ ދެކޮޅުހަދާފަ އެވެ. އަދި ސޫރިޔާ އަށް ޙަމަލާދިނުމަށް ތާއީދުކޮށް އޮބާމާގެ އިތުރުން ވާހަކަ ދައްކަވާފައި ވަނީ ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ކަމަށާ އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލިޓާ ވެސް ސޫރިޔާއަށް ޙަމަލާދިނުމާ ދެކޮޅުހަދާކަން ވަނީ ހާމަކުރައްވާފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ ސޫރިޔާއަށް ޙަމަލާދިނުމަށް ޓަކައި 10 ގައުމު ބައިވެރިވާ ކޯލިޝަނެއް އެކުލަވާލުމަށް އެމެރިކާ ތައްޔާރުވަމުންދާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް މިފަދަ ކޯލިޝަނަކަށް ޖީ 20ގެ ގައުމުތަކުގެ އެއްވެސް ތާއީދެއްނެތް ކަމަށާ މިކަމާގުޅިގެން އެމެރިކާގެ މަސްއޫލުވެރިން ތިއްބެވީ މާޔޫސް ކަމެއްގައި ކަމަށް ޚަބަރުލިބެއެވެ. އަނެއްކޮޅުން ރަޝިޔާގެ ރައީސް ވްލްޑިމޭރު ޕޫޓިން ވަނީ ސޫރިޔާ އަށް ޙަމަލާދިނުމަށް ކޮންގްރެސްގެ ތާއީދު ހޯދުމުގެ ގޮތުން ފާޅުގައި ދޮގުހައްދަވާ ކަމުގެ ތުހުމަތު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީގެ މައްޗަށް ކުރައްވާފަ އެވެ.
ކްރިމްލިންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވެފައި ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާޢިދާގެ ހަނގުރާމަވެރިން ހިމެނޭކަމަށް ކުރިން ކެރީ ވިދާޅުވެފައި ސޫރިޔާ އަށް ޙަމަލާދިނުމަށް ކޮންގްރެސްގެ ތާއީދު ހޯދުމުގެ ގޮތުން މިދިޔަ ބުދަ ދުވަހު، ސެނެޓްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން މިއާމުޅިން އިދިކޮޅަށް ސޫރިޔާގައި އަލްޤާއިދާގެ ހަނގުރާމަވެރިން ނޫޅޭ ކަމަށް ވިދާޅުވެ ކެރީ ވާހަކަ ދައްކަވާފައިވާ ކަމުގަ އެވެ.
ޕޫޓިން، ކެރީގެ މައްޗަށް ދޮގުހެދުމުގެ ތުހުމަތު ކުރައްވާފައި ވާތީ އެމެރިކާގެ ޚާރިޖިއްޔާ އިން ވަނީ ރުޅިވެރިކަމާ އެކު ޕޫޓިން އަށް ރައްދު ދީފަ އެވެ. (ނޫސްއެޖެންސީތައް)