ފޯރިގަދަ ހަރަކާތްތަކަށް ފަހު، ރިޔާސީ އިންތިހާބުގެ ވޯޓުލުން މާދަމާ ފަށާ އިރު، ވާދަކުރާ ހުރިހާ ޕާޓީތަކުން ކެމްޕެއިންތައް މިއަދު ނިންމާލާފައި ވަނީ ހިނގާލުމާއި ލޮރީ ބުރު އަދި ސައިކަލް ބުރުތަކުން ނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މިއަދު 6:00ގެ ފަހުން ކެމްޕެއިންގެ ހުރިހާ މަސައްކަތެއް ހުރިހާ ފަރާތަކުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

ކެމްޕެއިންގެ އެންމެ ފަހު ހަރަކާތްތަކަށް ބަލާ އިރު، މާލޭގައި ޖުމްހޫރީ ކޯލިޝަންގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކެމްޕެއިން ނިންމާލާފައި ވަނީ "ޖުމްހޫރީ ރެޑް މާޗު"ގެ ނަމުގައި ބޭއްވި ހިނގާލުމަކުން ނެވެ.

"ގައުމައިގެ ކުރިއަށް" ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދުގެ ކެމްޕެއިން ނިންމަވާލައްވާފައި ވަނީ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއަކުން ނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިން ނިންމާލައްވާފައި ވަނީ މާލޭގެ މަގުތަކުގައި ކުރިއަށް ދިޔަ ސައިކަލު ބުރަކާ އެކު އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ފަރާތުން ކެމްޕެއިން ނިންމަވާލެއްވުމުގެ ގޮތުން މާލޭގައި "ބޮޑު ހިނގާލުން"ގެ ނަމުގައި ވަނީ ހިނގާލުމެއް ބާއްވައިފަ އެވެ.

މީގެ އިތުރުން ހުރިހާ ޕާޓީތަކުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލޮރީ ބުރާއި ސައިކަލު ބުރު އަދި ހިނގާލުންތައް ބާއްވާފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

މިގޮތުން ކެމްޕެއިން ނިންމާލުމަށް ހދ. ކުޅުދުއްފުށީގައި އެމްޑީޕީ އަދި ޕީޕީއެމް އިން ލޮރީ ބުރެއް ކުރިއަށް ގެންދިޔަ ކަމަށް އެ ރަށުގައި ހުރި "ސަން"ގެ ނޫސްވެރިޔާ އަހުމަދު ސާއިލް ބުނެ އެވެ. ސާއިލް ބުނީ އެމްޑީޕީގެ ލޮރީ ބުރުގައި ގިނަ އަދަދެއްގެ ޕިކަޕުތަކާއި ސައިކަލު އަދި މީހުން ބައިވެރިވެފައިވާ ކަމަށާއި ޕީޕީއެމްގެ ލޮރީބުރުގައި ވެސް ގިނަ މީހުން ބައިވެރިވި ކަމަށެވެ.

އިންތިހާބުގައި ވާދަކުރާ ޖުމްހޫރީ ކޯލިޝަން އަދި "ގައުމައިގެން ކުރިއަށް" ކޯލިޝަންއިން ކުޅުދުއްފުށީގައި ކެމްޕެއިން ނިންމާލުމުގެ ގޮތުން މިއަދު ހަރަކާތެއް ކުރިއަށް ނުގެންދިޔަ ނަމަވެސް، އެ ޕާޓީތަކުގެ ޖަގަހަތަކުގައި ކެމްޕެއިން ލަވަ ޖަހާ ހަދާފައިވާ ކަމަށް ސާއިލް ބުންޏެވެ.

ގދ. ތިނަދޫގައި ހުރި "ސަން"ގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމް ބުނީ ތިނަދޫގައި އެމްޑީޕީ އިން ހިނގާލުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ތިނަދޫގައި ހުންނަ ޕީޕީއެމްގެ ހަރުގޭގައި ސައެއް ބާއްވާފައިވާ ކަމަށާއި މީގެ އިތުރުން ޕީޕީއެމްގެ ޕިކަޕެއް ކެމްޕެއިން ލަވަތައް ޖަހައި ރަށުތެރޭގައި ދުއްވާ ހަދާފައިވާ ކަމަށެވެ.

"ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވެސް ކެމްޕެއިން ލަވަ ޖެހުމަށް ޕިކަޕެއް ތިނަދޫގައި ދުއްވާފައިވާ ކަމަށާއި އޭގެ އިތުރުން އެ ކޯލިޝަންގެ އިތުރު ހަރަކާތެއް މިއަދު ތިނަދޫގައި ކުރިއަށް ނުދާ ކަމަށް މުރުޝިދު ބުންޏެވެ.

ޖުމްހޫރީ ޕާޓީ އިން ތިނަދޫގައި ހުންނަ އެ ޕާޓީގެ ޖަގަހާގައި ލަވަޖަހާ ހަދާފައިވާ ކަމަށް މުރުޝިދު ބުންޏެވެ.
އައްޑޫ ސިޓީގައި ކުރިއަށް ދިޔަ ކެމްޕެއިން ހަރަކާތްތަކަށް ބަލާލާ އިރު، އެމްޑީޕީ އިން ވަނީ ވެހިކަލް ބުރެއް ކުރިއަށް ގެންގޮސްފަ އެވެ.

އައްޑޫ ސިޓީގައި ހުރި "ސަން"ގެ ނޫސްވެރިޔާ ހުސައިން ހަސަން ބުނީ ހިތަދޫން ފެށި ވެހިކަލް ބުރުގައި ވަރަށް ގިނަ ވެހިކަލާއި ގިނަ އަދަދެއްގެ ސައިކަލު ބައިވެރިވެފައިވާ ކަމަށެވެ. އެ ސައިކަލް ބުރު ނިންމާލާފައި ވަނީ ފޭދޫ އަށެވެ. ހުސައިން ބުނީ ލިންކް ރޯޑުގައި އެމްޑީޕީގެ ހަރަކާތް ކުރިއަށްދާ އިރު، ޕީޕީއެމް އަދި ޖުމްހޫރީ ކޯލިޝަންގެ ހަރަކާތްތައް ވެސް ފެންނަމުންދާ ކަމަށެވެ. ނަމަވެސް ކެމްޕެއިން ނިންމާލުމުގެ ގޮތުން "ގައުމައިގެން ކުރިއަށް" ކޯލިޝަންއިން ބޮޑު ހަރަކާތެއް ނުބާއްވާ ކަމަށް ހުސައިން ބުންޏެވެ.