މާލެ އިން ވިލިމާލެ އަށް ދިޔަ އެމްޓީސީސީގެ ފެރީއަކާއި ކަންނެލި ދޯންޏެއް ޖެހި އެކްސިޑެއްޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު ގާތްގަނޑަކަށް 3:10 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅަނގު ދެކުނު ހާބަރުން މާލެ ވަންނަން އައި އެމްޓީސީސީ ފެރީ އަކާ ކަންނެލި ދޯންޏެއް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގައި ދެ ދޯންޏަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވީ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްޓީސީސީގެ ވިލިމާލެ ފެރީގެ މެނޭޖަރު އާދަމް ޒަކީ "ސަން" އަށް މިއަދު ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އެމްޓީސީސީގެ "ނަސާހް" ކިޔާ ފެރީއަކާ ކަންނެލި ދޯންޏެއް ޖެހިގެން ކަމަށާއި އެކްސިޑެންޓް ހިނގާފައިވާ އިރު ފެރީގައި ގާތްގަނޑަކަށް 50 ވަރަކަށް މީހުން ތިބި ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ފެރީ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި ނަމަވެސް މިހާރު އެހެން ފެރީއަކަށް މީހުން ބަދަލުކޮށް ދަތުރުތައް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އެކްސިޑެންޓް މިހާރު ފުލުހުންގެ މެރީން ޕޮލިހުން ދަނީ ތަހުގީގުކުރަމުންނެވެ.