06 Sep 2013, 15:06
ކުޅުދުއްފުށީން: އަހުމަދު ސާއީލު އަލީ
ކުރިއަށް އޮތް ފަސް އަހަރަށް ވެރިޔަކު އިންތިހާބު ކުރުމަށް މާދަމާ ބާއްވާ ރިޔާސީ އިންތިހާބަށް ބޮޑުތިލަދުންމަތި (ހއ. އަދި ހދ. އަތޮޅު) އެންމެ ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އެ އަތޮޅުތަކުގެ ކަމާ ބެހޭ ހުރިހާ އިދާރާއަކުން ބުނެފި އެވެ.
މި އަހަރު ރިޔާސީ އިންތިހާބުގައި 15315 މީހުން ވޯޓް ލާ ހދ. އަތޮޅަށް އިލެކްޝަނަށް ހަމަޖައްސާފައިވާ އިސް އޮފިޝަލް މުހައްމަދު އާދަމް "ސަން" އަށް ވިދާޅުވީ އިންތިހާބަށް ވާން ޖެހޭ ތައްޔާރީތައް އެންމެ ފުރިހަމަ ގޮތުގައި އެ ކޮމިޝަނުން މިހާރުވެފައިވާ ކަމަށެވެ. އެގޮތުން މިސަރަހައްދުގެ ހުރިހާ ރަށަކަށް ފޮނުވަން ޖެހޭ ހުރިހާ ސާމާނެއް ވެސް ފޮނުވައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ރަނގަޅަށް ތައްޔާރުވެފައި މިވަނީ. ހުރިހާ ރަށަކަށް ވެސް އިންތިހާބަށް ބޭނުންވާ ތަކެތި ފޮނުވާފައި ވާނީ،" މުހައްމަދު އާދަމް ވިދާޅުވި އެވެ.
ހއ. އަދި ހދ. އަތޮޅުގެ ކައުންސިލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ވޯޓްލުމަށް އެންމެ ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާއި އެއްވެސް މައްސަލައެއް އުޅޭ ކަމުގެ ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.
ވޯޓް ލެވޭ އާބާދީގައި 13،030 މީހުން ދިރިއުޅޭ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަޝްވާން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެ އަތޮޅު އެންމެ ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ ގޮތުން އެއްވެސް ހަމަނުޖެހުމެއް ނޫޅޭ ކަމަށާއި އެ އަތޮޅު އޮތީ ވޯޓްލުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެފައި ކަމަށެވެ.
އަމަން ބަލަހައްޓާ ފުލުހުން ބުނީ ރިޔާސީ އިންތިހާބު ހިނގަމުންދާ އިރު އަމަން ބެލެހެއްޓުމަށް ތިލަދުންމަތީ ހުރިހާ ރަށެއްގައި ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެބޭފުޅުން އެންމެ ރަނގަޅު ހާލަތަށް ތައްޔާރުވެފައިވާ ކަމަށެވެ.
ތިލަމުއްމައްޗަށް ބަލާ އިރު މި އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ވަރަށް ފޯރިއާ އެކު ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ދަނީ ކެމްޕެއިންތައް ކުރަމުންނެވެ. އަދި ސިޔާސީ މާބޮޑު ހަމަނުޖެހުމެއް މިހާތަނަށް މިސަރަހައްދަކު ހިނގާފައެއް ނުވެ އެވެ.