ގަވައިދެއް ނެތި ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގަމުންދަނީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު ހިތުހުރި ގޮތަކަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު އައިޝަތު ވެލެޒިނީ ތުހުމަތު ކުރައްވައި ސްޓޭޓްމަންޓެއް އާންމު ކުރައްވައިފި އެވެ.


ޖޭއެސްސީ ނަމުގައި ވެލެޒިނީގެ މިއަދު އާންމު ކުރެއްވި ސްޓޭޓްމަންޓްގައި ބުނަނީ ގާނޫނު އަސާސީން ދިވެހި ދައުލަތުގެ ތިން ބާރު ވަކިކޮށް އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމެއް ނެތި ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް ތައާރަފު ކުރި މިނިވަން މުއައްސަސާތަކުގެ ތެރެއިން ޖޭއެސްސީއަކީ  ބޮޑު ޒިންމާއެއް އުފުލަންޖެހޭ ދުސްތޫރީ މުއައްސަސާއެއް ނަމަވެސް  ޖޭއެސްސީ ހިންގަމުންދަނީ  ގަވައިދެއް ނެތި ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދުގެ ހިތްޕުޅަށް އަރާވަޑައިގެންވި ގޮތަކަށް ކަމަށެވެ.


"... ގާނޫނު އަސާސީ އާއި ގާނޫނުން ޖުޑީޝަލް ސާވިސް ކޮމިޝަނާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކަށް ވަގުތު ދިނުމެއް ނެތި އަދި ކޮމިޝަންގެ މެންބަރުންގެ މަސްއޫލިއްތުތައް ތަރުތީބު ކުރައްވާފައިވާ ގޮތަށް ބެލުމެއް ނެތި، ޑިމޮކްރެޓިކް އުސޫލުތަކާ ހަމަތަކާ ހިލާފަށް ކޮމިޝަންގެ ރައީސްގެ ޒާތީ ފިކުރާއި ވިސްނުމަށް އިސް ކަމެއް ދެއްވައި އެމަނިކުފާނު އެ ދުވަހުކު ކުރައްވަން ހިތުހުރި ކަމަކަށް ވަގުތު ދެއްވައިގެންނެވެ،" ވެލެޒިނީގެ ސްޓޭޓްމަންޓްގައި ވެއެވެ.


ޖޭއެސްސީއާ ބެހޭ ގޮތުން އާންމުކޮށް އަޑު ހަރުކުރައްވައި އަދި ގިނަ ގިނައިން ބަޔާންތައް ނެރުއްވާ ވެލެޒިނީ ވިދާޅުވެފައި ވަނީ ކޮމިޝަންގެ ގާނޫނީ ޒިންމާ އުފުލުމަށް ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ގަސްދުގައި ހުރަސް އަޅުއްވަމުން ގެންދެވުމުގެ ސަބަބުން ފަނޑިޔާރުންނާއި ފަނޑިޔާރު ގެއަށް  ރައްޔިތުންގެ އިތުބާރު ހޯދައި ދެމެހެއްޓުމަށް މިވަގުތު އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ ޖޭއެސްސީ ކަމަށެވެ.


އަދި ވިދާޅުވެފައި ވަނީ އެ ކޮމިޝަން ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ރައްޔިތުންގެ މަޖިލިސް  ވަނީ އެ މަޖިލީހުގެ ރައީސާއި މެންބަރަކު ހިމެނޭ 10 މެންބަރުންގެ ކޮމިޝަން ޖަވާބުދާރީ ކުރުވުމަށް ނުކުޅެދިފައި ކަމަށެވެ.


ޖޭއެސްސީއަކީ ތިން ބާރުން ކުރެ އެއް ބާރަށް ވެސް ނުފޫޒު ނުފޯރުވޭ  މުއައްސަސާއަކަށް ހެދުމަށް  މީޑިޔާއިން ސަމާލު ކަން ދީ މިކަން ރައްޔިތުންނާއި ފަނޑިޔާރުންގެ ސަމާލު ކަމަށް ގެނެސް ދިނުމަށް އެދިވަޑައިގެން ވެލެޒިނީ ވިދާޅުވަނީ  ރައްޔިތުންގެ މަޖިލީހެކޭ އެއްފަދައިން ޖުޑީޝަލް ސާވިސް ކޮމިޝަނޭ ބުނާ 10 މީހުންގެ މަޖިލީހުގ ޖަލްސާތައް ވެސް ސިއްރުކުރަން ނިންމާ ޖަލްސާއެއް ފިޔަވައި ކުރިޔަށް ދާންޖެހޭނީ މީޑިޔާއަށް ހުޅުވާލައިގެން ކަމަށެވެ.