ކުޅުދުއްފުށިން: އަހުމަދު ސާއިލް އަލީ

ރިޔާސީ އިންތިހާބު ކަވަރުކުރުމަށް އިއްޔެ ކުޅުދުއްފުއްޓަށް އައުމުން ބޮޑު ހައިރާން ކަމެެއް ލިބުނެވެ. މާ ދުރުން ވެސް މިރަށް ފެންނަމުން ދިޔައީ މާދަމާގެ އިންތިހާބުގައި ވާދަކުރާ ޕާޓީތަކުގެ ކުލަތަކުން މުޅި ރަށް ޖަރީކޮށްފައިވާ ތަނެވެ. ކޮންމެ ދެ ރުކެއް ނުވަތަ ދެ ގަހެއް ދޭތެރެއިން ހަތަރު ކުލައިގެ ދިދަ ޖަހާފައި އެބަހުއްޓެވެ. ކުޑަމަގެއް ބޮޑު މަގެއް ކިޔާނެކަމެއް ނެތެވެ. މަގު ހިޔާވާ ވަރަށް ހަތަރު ޕާޓީގެ ބެނާއާއި ދިދަފަތިތައް ވަނީ ދަމާފަ އެވެ. އަދި ކުލަލުމުގެ ފޯރިވެސް ކުޑައެއް ނޫނެވެ. ތިން ސިޔާސީ ލީޑަރުންނަށް ނިސްބަތްވާ ކުލަ ވެސް ދެ ގޭ ދޭތެރެއިން ކަހަލަ ގޮތަކަށް ލައިފައި އެބަހުއްޓެވެ.

ކުޅުދުއްފުށްޓަށް އައުމުން ފެނުނު މަންޒަރުން އަހަރެން އެންމެ ބޮޑަށް ހީކޮށްގެން ހުރީ މިރަށުގެ ތެރޭގައި ރާއްޖެ މިއަދު މިދެކޭ ސިޔާސީ ހަލަބޮލިކަމާ ދެކޮޅުވެރިކަން ވަރަށް ބޮޑުވާނެ ކަމަށެވެ. ނަމަވެސް ކަންވީ މުޅި އެހެނެއް ނޫނެވެ. މިރަށުގެ މެޖޯރިޓީ މީހުން ފެންނަމުންދަނީ ދެ ޕާޓީގެ ދެ މީހަކަސް ސުލްހަވެ ސިޔާސީ ފިކުރަށް އިހުތިރާމްކުރާ ރައްޔިތެއް އުޅެމުންދާ ތަނެވެ. އެއްބަޔަކު އަނެއްބަޔަކުގެ ކެމްޕެއިނަށް އެއްވެސް ވަރަކަށް ހުރަސް ނާޅާ ކުރިއަށްދާ ކަމަށް މިރަށު ކައުންސިލްއިން ބުންޏެވެ.

"ކުޅުއްދުއްފުށްޓަކީ ވަރަށް ސުލްހަވެރި ރައްޔިތަކު ދިރިއުޅެމުންދާ ރަށެއް، ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވުން އުޅުނަސް ހަމަނުޖެހުން ހިންގާ ފަދަ ކަމެއް ކުރުމަކީ މިރަށުގެ އާދައެއް ނޫން، އެގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި ވެސް ފެނިގެން މިދަނީ ވަރަށް ސުލްހަވެރިކޮށް،" ކުޅުދުއްފުށީ ކައުންސިލް މެމްބަރު މުހައްމަދު ޖަމްޝީދު ވިދާޅުވި އެވެ.

ހދ. ގެ ވެރިކަން ކުރާ އަދި ބޮޑު ތިލަދުންމަތީގެ މައި ރަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި 6،000 އަށްވުރެ ގިނަ މީހުން ވޯޓްލަ އެވެ. އަދި މިރަށުގައި ޖުމުލަ އަށް ވޯޓު ފޮއްޓެއް ހަ މަރުކަޒެއްގައި ބަހައްޓަން ހަމަޖައްސާފައިވެ އެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުޅުދުއްފުށިން ދިމާވި އެކި އުމުރުގެ މީހުންނާއި ވާހަކަ ދައްކާލުމުން އޭގެ ތެރެއިން އެންމެ ވެސް ބުނެފައި ވަނީ މާދަމާ ބާއްވާ އިންތިހާބަށް ވޯޓްލާން ދިއުމަށް ކެތް މަދުވެފައިވާ ކަމަށެވެ. އަދި ވޯޓްގެ ނަތީޖާ ނުކުންނަ ގޮތަކަށް އިހުތިރާމް ކުރާނެ ކަމަށާއި އެ މީހުން އެދެނީ މި ރަށަށާއި ރާއްޖެއަށް ހެޔޮ ގޮތާއި ތަރައްގީ ކަމަށް އެ މީހުން ބުނެ އެވެ.

"އަހަރެން ވެސް އަދި މަގޭ ދަރިން ވެސް، އަނބިމީހާ ވެސް ވޯޓްލާނެ މާދަމާ، އަޅުގަނޑަކަށް ނޭނގޭ އެ މީހުން ވޯޓް އަޅާނެ މީހެއް، މީގަ އޮތީ އެ މީހަކަށް ފެންނަ ރަނގަޅު ގޮތެއް، އަހަރެން ގޭގެ ދެ ފަޅީގަ ހުންނާނެ ދެ ދަރިން ދެ ޕާޓީ ކުލަލާފަ ވެސް،" މިއަދު މެންދުރު ކެއުމުގެ ވަގުތު ކުޅުދުއްފުށީ ހޮޓަލަކުން ދިމާވި މެދު އުމުރުގެ މީހަކު ބުންޏެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުޅުދުއްފުށި ވެފައިވާ ތައްޔާރީތައް ކިތަންމެހާ ވެސް ފުރިހަމަ އެވެ. މުޅި ރަށުގައި އެކި ޕާޓީތަކުގެ ކެމްޕެއިންތައް ވަނީ މެކުހަށް ޖަހާފަ އެވެ. މިރަށުގެ ރައްޔިތުންގެ ތެރެއިން އެއްބަޔަކު ތަރައްގީ ގައިމް ކުރަން އެދޭއިރު އަނެއްބައި ރައްޔިތުން ގައުމައިގެން ކުރިއަށްދާން ވެސް އެދެ އެވެ. އަދި އެއްބަޔަކު ޔަގީން ކުރަން އެދޭއިރު އެއްބުރުން ނިންމާނެ ކަމަށް ބުނާ ރައްޔިތުން ވެސް އެބައުޅެ އެވެ. ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑު ނަމަވެސް މިރަށުން ފެންނަމުންދަނީ ސުލްހަވެރި ރައްޔިތެއް އުޅެމުންދާ ތަނެވެ. ޑިމޮކްރަސީގެ މިސާލު ދައްކައިގެނެވެ. ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެނެވެ.