06 Sep 2013, 13:25
ހިތަދޫއިން ހުސައިން ހަސަން
މާދަމާ މުޅި ރާއްޖެ އަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. ވާރޭ ކަނިން ސަލާމަތްވެގެން މާދަމާ ދަތުރެއް ކުރުމަށް ޓެކްސީއެއް އިހްތިޔާރު ކުރެވިދާނެ އެވެ. ނަމަވެސް މާދަމާ އަމިއްލަ ދަތުރެއް ކުރުމަށް ޓެކްސީއެއް މި ރަށަކުން ނުލިބޭނެ އެވެ. ރަށުގައި ޓެކްސީއަކަށް އޮތީ "ޕާޓީ ޓެކްސީ" އެވެ. ވޯޓާ މީހުން އުފުލުމަށް ޓެކްސީ ހިދުމަތްދޭ ސެންޓަރުތަކުގެ 52 ޓެކްސީ ސިޔާސީ ޕާޓީތަކުން މާދަމަ އަށް ކުއްޔަށް ހިފާފައިވެ އެވެ. ޓެކްސީ ދަތުރު ކުރުމަށް އެއްބަސްވުންތައް ހަދައި އެޑްވާންސްކޮށް ފައިސާ ވެސް ޕާޓީތަކުން ދައްކައިފި އެވެ. އާންމު އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުން މީގެ ކުރިން މިގޮތަށް އަމަލު ކުރިޔަސް މިހާރު "ޕާޓީ ޓެކްސީ" ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ގިނަ ބަޔަކު ވޯޓުލުމަށް ހިތްވަރުދިނުމަށް އެހީތެރިވެދިނަސް އެކަމަކީ ގާނޫނީ ގޮޅިއަކަށް ފެތިތާނެ ކަމެކެވެ. ޕާޓީ ޓެކްސީގައި ދަތުރެއްކޮށްދެނީ އެ ޕާޓީގެ ކެންޑިޑޭޓަކަށް ވޯޓުލާނެ ކަމަށް ޝަރުތުކޮށްފަ އެވެ. އާންމު ރައްޔިތުންނަށް ހިދުމަތްދިނުމަށް ހުއްދަ ދީފައިވާ އުޅަނދަކުން ވަކި ކެންޑިޑޭޓަކަށް ވޯޓުލުމަށް ޝަރުތުކޮށް ދަތުރުކުރުމަކީ، ގާނޫނު އަސާސީ ކަށަވަރުކޮށްފައިވާ ހައްގެއް ނިގުޅައިގަތުމެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވާ ގޮތުގައި ޕާޓީތަކުގެ ޓެކްސީތަކުގައި ވޯޓުލުމަކީ މަނާކަމެއް ކަމަށް ގާނޫނެއްގައި ލިޔެފައި ނެތަސް، އެ ކަމަކީ މަނާ ކަމެއްކަން ސާބިތުކޮށްދޭ ގާނޫނުތަކާއި ގަވާއިދުތައް އެބަ ހުއްޓެވެ. ޕާޓީ ޓެކްސީ ނުކުރުމަށް އެދި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް އަންގާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް އެންގުމަށް ވުރެ، ޕާޓީތަކުގައި ތިޔަ ބޭފުޅުން "ޒިންމާދާރުވެ، ތަންދޮރު" ދަންނާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
"މިކަންތައްތަކަކީ ކޮރަޕްޝަނޭ މަނާކަމެކޭ އަޅުގަނޑުމެން އަންގާފައި ނުވާނެ. ހުރިހާ ޕާޓީތަކެއްގައި ވެސް ތިއްބަވާނީ ޒިންމާދާރު، ތަންދޮރު ދަންނަ ބޭފުޅުން ކަމަށް ވާތީ. މިއިން ކަމަކާ ގުޅޭ ގޮތުން ސުވާލުކޮށްފިއްޔާ ހަމަ ދަންނަވަންޖެހުނު އެއްޗެއް ދަންނަވާނީ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުން ނަމަ ޕާޓީ ޓެކްސީ ކުރުން މަނާ ކުރަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާއި ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދެވެ. ރިޔާސީ އިންތިޚާބާ ބެހޭ ގަވާއިދު 2013 ގެ 28 ވަނަ މާއްދާއިން ބުނާ ގޮތުން ވަކި މީހަކަށް ވޯޓު ލުމަށް ހަދިޔާދީ، މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ވެސް ނުވާނެ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުން ވެސް އެ ކަމަކީ ކުށެއް ކަމަށް ބާރު ލިބިދެ އެ އެވެ. އެއީ އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ބުނެފައިވާ ގޮތުން ސަރުކާރު ބައިވެރިވާ ފަރާތަކުން ކުރާ ކަމަކާ ގުޅިގެން، ވަކި ފަރާތަކަށް ފަސޭހައެއް ނުވަތަ ހެވެއް ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށް އަމިއްލައަށް ނުވަތަ އެހެން މީހެއް މެދުވެރިކޮށް ނުވަތަ އެހެން މީހެއްގެ ފަރާތުން ރިޝްވަތު ދިނުމާއި ދިނުމަށް ހުށަހެޅުމާއި ދިނުމަށް އެއްބަސްވުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް މިކަން ޓެކްސީ ސެންޓަރުތަކަށް ނޭނގެ އެވެ. ޓެކްސީ ސެންޓަރުތަކުން ވެސް އެ މަސައްކަތްކޮށްދެނީ ޕާޓީތަކުން އެކަން އޮތް ގޮތް ބުނެ ނުދޭތީ އެވެ. އަދި ކަމާ ބެހޭ އިދާރާތަކުން ވެސް އެކަން ފާހަގަ ނުކުރާތީ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ވޯޓުލުމަށް މީހުން ގޮވައިގެން ޕާޓީތަކުން ޓެކްސީ ކުރުމަކީ މީގެ ކުރިން ވެސް މަނާ ކަމެއް ކަމަށެވެ. ވޯޓުލާ ދުވަހު ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ނުހިންގޭ އިރު، ވަކި ޝަރުތުތަކެއްކޮށްގެން ހަމައެކަނި ވަކި ކެންޑިޑޭޓަކަށް ވޯޓުލުމަށް ބަޔަކު އުފުލުމަކީ ހުއްދަ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ނާފިޒު ވިދާޅުވި އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ޕާޓީތަކުން އެ ދުވަހު ޓެކްސީތަކެއް ކުއްޔަން ހިފައިގެން ދަތުރު ނުކުރެވޭ ނަމަ ވަރަށް ގިނަ ބަޔަކު ވޯޓުލުމަށް ނުނުކުންނާނެ ކަމަށެވެ. އަދި ގިނަ ބަޔަކު ވޯޓުލުމަށް އޮތް މަގަކީ ޕާޓީތަކުން ވޯޓުފޮއްޓާ ހަމަޔަށް އެ މެންބަރަކު ގެންގޮސްދިނުން ކަމަށާއި އެކަން ކޮށްފި ނަމަ ގާނޫނީ ގޮތުން ކުށްވެރިވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ސޯބެ ވިދާޅުވި އެވެ.
"ގާނޫނޫތައް ހުންނަން ޖެހޭނީ ރައްޔިތުންގެ ފަސޭހައަކަށް. ވޯޓުލުމަށް ގެންގޮސްދޭން އެހީތެރިވެދިނުމަކީ ގާނޫނީ ގޮތުން ކުށަކަށްވަންޏާ އެއީ ދެރަ ކަމެއް. ތަހުޒީބުވެފައިވާ ބައެއް ގައުމުތަކުގައި ވެސް ޕާޓީތަށް މެދުވެރިކޮށް ގިނަ ބަޔަކު ވޯޓުލާންދޭ. މިސާލަކަށް ކޮންޒަވޭޓިވް ޕާޓީގެ ހަރަކާތަށް ބަލާމުން އަޅުގަނޑު ކުރި ދަތުރުގައި އެފަދަ ގޮތަކަށް ޕާޓީން އެހީތެރިވެދިން،" އައްޑޫ ސިޓީ މޭޔަރު ވިދާޅުވި އެވެ.
އައްޑޫ ހިތަދޫގައި ޓެކްސީގެ ހިދުމަތްދޭ 52 ޓެކްސީގެ ތެރެއިން 31 ޓެކްސީ އޮޕަރޭޝް ކުރާ "ވިޝަން ޓެކްސީ ސެންޓަރު"ގެ ވެރިޔާ ހިތަދު، ވިޝަން މުހައްމަދު އާމިރު ބުނީ މާދަމާ އޭނާގެ ސެންޓަރުން ހިދުމަތްދޭނީ އެމްޑީޕީގެ މެންބަރުންނަށް ކަމަށެވެ. އެ ހިދުމަތަށް ކޮންމެ ޓެކްސީއަކަށް މާދަމާއެކަނި 4000ރ. ދިނުމަށް އެމްޑީޕީއާ އެކު އެގްރިމެންޓްކޮށްފައިވާ ކަމަށާއި އެޑްވާންސްކޮށް ކޮންމެ ޓެކްސީއަކަށް 2000ރ. ދީފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ. އާމިރުގެ ވިޝަން ޓެކްސީ ސެންޓަރުގެ ޓެކްސީތަކަށް ޖުމްލަ 120000ރ. މާދަމާ ލިބޭނެ އެވެ.
ޕީޕީއެމަށް ނިސްބަތްވާ ބަޔަކު ވަނީ 22 ޓެކްސީ މި ރަށުން ކުއްޔަށް ހިފާފަ އެވެ. އެ މީހުން ޓެކްސީ ކުއްޔަން ހިފީ މަދާމާއަށް ކޮންމެ ޓެކްސީއަކަށް 6000ރ. ރޭޓުންނެވެ. ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ބަޔަކު ވެސް ވަނީ ޓެކްސީތަކެއް މިރަށުން ކުއްޔަން ހިފާފަ އެވެ. އެ މީހުން ޓެކްސީއެއް ކުއްޔަށް ހިފަނީ 7000ރ. އަށެވެ.
ވަކި މީހަކަށް ވޯޓުލައިދިނުމަށް މީހުން އުފުލުމަށް ޓެކްސީ ކުއްޔަން ހިފިޔަސް، މިކަން އޮތީ ގާނޫނީ ގޮތުން މަނާވެފަ އެވެ. ނަމަވެސް އަމަލީ ގޮތުން މިކަން މަނާވެދާނެ ކަމާމެދު ސުވާލު އުފެ އެވެ.
ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑާ ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވިދާޅުވީ އިންތިހާބަށް ނުފޫޒުފޯރުވުމަށް ކުރާ އެފަދަ ކަކެއް ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ ނަމަ ފުލުހުން މެދުވެރިކޮށް އެކަން ހައްލު ކުރާނެ ކަމަށެވެ. ނަމަވެސް އިންތިހާބާ ގުޅޭ ކަމަކަށް އިލެކްޝަން މެދުވެރިނުކޮށް ފުލުހުން އެކަމަކަށް ނުވަންނާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
ޕާޓީގެ އެހީގައި ވޯޓުލާންދާ އިރު، ރަށުން ބޭރުގައި އުޅޭ މީހުންގެ ތެރެއިން އައްޑޫއަށް ރަށްވެހިވެފައިވާ ބައެއް މީހުން މި ސިޓީއަށް ދަނީ ޖަމާވަމުންނެވެ. އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރާ ނަމަ މި ސިޓީއަށް އައުމުގެ ހަރަދު ވެސް ޕާޓީތަކުން ދަނީ ކުރަމުންނެވެ. އެއީ ފްލައިޓް ޓިކެޓާއި ގެއަށް ގެންގޮސްދިނުމެވެ. އަދި އެހެން އަތޮޅުތަކުން ކަނޑު ބޯޓޫފަހަރު މެދުވެރިކޮށް ވެސް ޕާޓީތަކުން ދަނީ ހަރަދުކޮށްގެން މީހުން އުފުލައިދެމުންނެވެ.