06 Sep 2013, 12:09
ތިނަދޫން: މުރުޝިދު އަބްދުލްހަކީމް
ގދ. ތިނަދޫ އޭ ބުނުމުން ގިނަ ބަޔަކަށް ސިފަވަނީ އެއީ ސިޔާސީ ހަލަބޮލިރަށެއްގެ ގޮތުގަ އެވެ. އެ ނަޒަރުން ދެކެވޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ބަދަލުވުމަށް ފަހު އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގައި އެންމެ ބޮޑު ގެއްލުންތަކެއްވި އެއް ރަށަކީ ތިނަދު އެވެ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކޯޓުތަކުގެ އިތުރުން އަތޮޅު އޮފީސް އަނދައި ހުލިވެފައި ވަނީ ސިޔާސީ ހަމަނުޖުންތަކުގެ ތެރޭގައި ހިންގި ހަރަކާތްތަކެއް ތެރެއިންނެވެ. އޭގެ ފަހުން ވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތިނަދު އަށް ވަޑަގަތުމުން އެމަނިކުފާނާ ދެކޮޅަށް ނިކުމެ ކުރި މުޒާހަރާ ފާހަގަކޮށްލެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ފޯރީގައި ކުރި ކެމްޕެއިންތައް ނިމި މަދާމާ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮތް އިރު ސިޔާސީ ސުލްހަވެރިކަމާ އެކު ކެމްޕެއިން ކުރުމުގައި މިއީ ނަމޫނާ ރަށަކޭ ބުނެވިދާނެވެ. އޭގެ ހެއްކަކަށް ބަނދަރުމަތީ ޕީޕީއެމް އާއި އެމްޑީޕީން އެއް ވާފަށެއްގައި ހަމަ ހަމަ ގޮތެއްގައި ތަރުތީބުން ދަމާލާފައިވާ ދިދަތައް ފުދެ އެވެ.
ހަމަ އެކަނި އެކަމެއް ވެސް ނޫނެވެ. އެމްޑީޕީގެ މައި ހަރުގެ ކައިރިން ޕީޕީއެމްގެ ޕިކަޕެއްގައި ލަވަ ޖަހަމުންދިޔަ އިރު އިދިކޮޅު މީހުން ހޯއް ގޮވާލާ އަޑު ވެސް އިވިގެން ނުދިޔަ އެވެ. ހަމަ އެހެންމެ ރައީސް ވަހީދުގެ ކެމްޕެއިން މެސެޖުތައް ގޮވަމުން ޕިކަޕެއްގައި ހަވީރުއް ސުރެ ދުއްވުމަށް ފަހު ޕިކަޕް ގޮސް ހަރުގެއަށް މަޑުކުރީ އެއްވެސް އިދިކޮޅު ފުރައްސާރައަކާ ކުރިމަތިލުމަކާ ނުލަ އެވެ. ޖުމްހޫރީ ޕާޓީގެ ޖަގަހާގައި ކައްކާފާއި ހުރި ކެއުންތައް ކައި ލަވަޖަހައި ހެދި އިރު އެ ސަރައްދުން އެހެން ޕާޓީއެއްގެ ކެމްޕެއިން ލަވައެއްގެ އަޑުވެސް އިވިނުލަ އެވެ.
އަދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކޮންމެ ވޯޓު ފޮއްޓަކަށް ހަމަޖައްސާފައި ތިއްބަވާ ބޭފުޅުން އިންތިހާބު ކަވަކުރާން ތިބި އޮބްޒާވަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނާ އެކު ތިނަދޫ "އާބާދީ މަރުކަޒުގައި" ރޭ ބޭއްވި ބައްދަލުވުން ވެސް ދިޔައީ އަމާން އޮމާންކޮށެވެ. އިންތިހާބާ ގުޅޭ އެކި މައުލޫމާތު އޮޅުންފިލުވާން ލިބުނު ފުރުސަތުގައި ކުލައެއް ވަކި ނުވާހާ އެއްބައިވަންތަކަމާ އެކު ކުރިއަށް ދިޔަ އެ ބައްދަލުވުން ނިންމާލީ ދެ ބަސްވުމެއް އަރާރުންވުމެއް ނެތި އެވެ.
ރިޔާސީ އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއި ކުރަމުންދާ ކެމްޕެއިންތަކާ އެކު ވެސް ހަމަ ނުޖެހުމެއް މިހަތާނަށް ހިނގާފައިނު ވާތީ ރަށު ކައުންސިލު ވެސް އޮތީ ހިތްހަމަ ޖެހިގެންނެވެ. ރަށު ކައުންސިލްގެ ރައީސް އަހްމަދު ނަސީރު ސަން އޮންލައިނަށް މިއަދު ވިދާޅުވީ މިހާތަނަށް އައިރު ވެސް ރަށުގެ އާންމު ފަރުދެއްގެ ފަރާތުން ވެސް އެއްވެސް ޝަކުވާއެއް ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް އެއީ ތިނަދޫގެ އާދަކަމަށް ބައެއް މީހުން ބުނެ އެވެ. މާބޮޑު ހަމަނުޖެންތަކެއް ހިނގަމުން ނުދިޔަ ނަމަވެސް ހީނުކުރާ ފަދަ ބޮޑެތި ކަންތައްތަކެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެއްވެސް ހަމަނުޖެހުމެއް ނެތި އިންތިހާބާ ކުރިމަތިލި ނަމަވެސް ހިނގައިފާނެ ހަމަނުޖެހުމަކަށް ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާ އޮތީ ތައްޔާރަށެވެ. ނަމަވެސް ކައުންސިލުންނާއި އަދި ރައްޔިތުންގެ އިލްތިމާސްއަކީ ކެމްޕެއިން ތެރޭގައި ދުވަސްތައް ދިޔަ ގޮތްތައް އަމާން އޮމާން ކަންމަތީ އިންތިހާބަށް ފަހު ވެސް ދިއުމެވެ.