ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ވޯޓް ދޭނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތަޖުރިބާގެ އަލީގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ކުރިން ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ރޭ ބޭއްވި އެންމެ ފަހު ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ވަރަށް ގިނަ ކަންތައްތައް ދެކި އަދި ވަރަށް ގިނަ ކަންތައްތަކެއް ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ ކަމަށާއި އެކަން އެމަނިކުފާނުގެ ތިން އަހަރުގެ ސަރުކާރުގައި ސާބިތު ކޮށްދީފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ހައްގު މިންވަރަކީ މިހާރު މި ދެކޭ މިންވަރު ނޫން ކަމާއި ރާއްޖެ އަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖެ ތަރައްގީ ކުރުމަށް، ރާއްޖޭގެ ރައްޔިތުންނަށް ހައްގީ މިދެކޭ މިންވަރު ނޫން ކަމަށް ދެކިގެން، ރާއްޖެ އަކީ ގުދުރަތީ ވަސީލަތްތައް ގިނަ ރާއްޖެއެއް ކަމަށް ގަބޫލުކޮށްގެން ތިބި ބައެއް. އަޅުގަނޑުމެންނަކީ ސުލްހަވެރި ސިޔާސީ ހަރަކާތް މި ރާއްޖެ އަށް ތައާރަފްކުރި ޕާޓީ. އަޅުގަނޑުމެންނަކީ ޑިމޮކްރެޓިކް ޕާޓީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ކެމްޕާނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމަނިކުފާނަށް ވަޑައިގެންނެވިއްޖެ ކަމަށާއި އެ ދަތުރުތަކުގައި އެމަނިކުފާނަށް ރާއްޖޭގެ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ ބޯހިޔާވެހިކަމާއި ބޭސް ކުރުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވި އުފާވެރި މުސްތަގުބަލެއް ހޯދުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ އަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ހިޔާލުތަފާތުވެގެންދާ ކޮންމެ ފަހަރަކު އަނިޔާވެރިކަން އިސްކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ނަޝީދު އިތުރަށް ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށާއި އަދި ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އަނެއްކާ ވެސް ރައީސުލްޖުމްހޫރީއްޔާގެ ހުވާ ކުރައްވާނީ އެމަނިކުފާނު ކަމަށެވެ.