ނޭޕާލާ ދެކޮޅަށް ނުކުތީ އެޓީމުގެ ދަނޑުގައި އަދި އެޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ފަސޭހަކަމަކަށް ނުވާނޭކަން ކުރިންވެސް އެނގިހުރެ ކަމަށް އިންޑިއާ ޓީމުގެ ކޯޗު ވިމް ކޮއެވަމަންސް ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި އިންޑިއާ ކުޅުނު ފަހުމެޗުގައި 2-1 އިން ނޭޕާލް އަތުން ބަލިވި މެޗަށްފަހު ކޯޗު ބުނީ، ނޭޕާލް ޓީމަކީ ހުނަރު ހުރި ޓީމެއް ކަމަށާއި އަދި އެޓީމުގެ އެހާ ގިނައަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫންކަން ކުރިންވެސް އެނގޭ ކަމަށެވެ.

"އެޓީމަކީ ހުނަރު ހުރި ޓީމެއް. ކުރިންވެސް އެނގޭ މި މެޗަކީ އުނދަގޫ މެޗަކަށް ވާނެކަން. ހާއްސަކޮށް ނޭޕާލްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. މިއަދު އެޓީމް މޮޅުވުން ހައްގު،" އިންޑިއާ ޓީމުގެ ކޯޗު ބުންޏެވެ.

ކޮއެވަމަންސް ބުނީ، އިންޑިއާ ޓީމުން މިއަދު ބެލީ މަތިން ދިގު ޕާސްތަކެއް ދީގެން ނޭޕާލު ޓީމުގެ ފަހަތަށް ނުރަށްކާ ކުރަން ކަމަށާއި އެހެން ނަމަވެސް ރޭވިގޮތަށް ކަންތައް ނު ނިންމުނު ކަމަށެވެ.

"އަހަރެމެން ބެލީ މަތިން ދިގު ޕާސްތަކެއް ދީގެން ކުޅެން. އެކަމަކު ނޭޕާލް ޑިފެންޑަރުންނަށް ދިފާއު ކުރާކަށް އެހާ އުނދަގުލެއް ނުވި،" އިންޑިއާ ކޯޗު ބުންޏެވެ. "އިދިކޮޅު ޓީމުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއިރު އަހަރެމެންނަށް ރަނގަޅަށް ޑިފެސްއެއް ނުކުރެވުނު. އަދި ލަނޑު ޖަހާނޭ ގިނަ ފުރުސަތެއްވެސް ތަނަވަހެއް ނުކުރެވުނު."

ކޮއެވަމަންސް ބުނީ ސެމީ ފައިނަލުން ޖާގަ ލިބުނު ކަމުގައިވީ ނަމަވެސް މެޗުގެ ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ކަމަށެވެ.

ސެމީފައިނަލްގައި އިންޑިއާ ވާދަކުރަން ޖެހޭ ޓީމެއް އެނގޭނީ މިއަދު ރާއްޖެއާ އަފްޣާންނިސްތާން ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮަކުންނެވެ.

އަންނަ އާދީއްތަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އެއްކޮޅުން އިންޑިއާ ވާދަކުރަން ޖެހޭއިރު އެޓީމުގެ ކެޕްޓަން ސުނިލް ޗެތްރީއަށް އެމެޗުގައި ނުކުޅެވޭނެ އެވެ.

"ދެ ރީނދޫ ކާޑު ހަމަވުމުން ސުނިލް ޗެތްރީއަށް ސެމީގައި ނުކުޅެވޭނެ. އަހަރެމެން މިއަދުގެ މެޗުގައިވެސް ބައެއް ބަދަލުތައް ގެނައިން އަދި ސެމީ ފައިނަލަށް ވެސް ކުދިކުދި ބަދަލުތައް ގެންނާނަން،" އިންޑިއާ ޓީމުގެ ކޯޗު ބުންޏެވެ.