ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހުމެޗުގައި މިއަދު އަފްޣާނިސްތާނާ ދެކޮޅަށް ނުކުންނައިރު ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ދެވަނަ ރީނދޫ ކާޑެއްގެ ބިރު އޮތް ނަމަވެސް އެ މެޗަށް ދަގަނޑޭ އަރުވާނޭ ކަމަށް ގައުމީ ޓީމްގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.

ގައުމީ ޓީމު ނޭޕާލުގައި ތިބޭ އެވަރެސްޓް ހޮޓެލްގައި އިއްޔެ ހަވީރު ރާއްޖޭގެ ނޫސްވެރިންނަށް ދިން އިންޓަވިއު އެއްގައި ގައުމީ ޓީމުގެ ކޯޗު ބުނީ، ބޫޓާން މެޗުގައި އަޝްފާގަށް ދެއްކި ރީނދޫ ކާޑަކީ ދައްކަން ޖެހޭ ކާޑެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އެ މެޗުގައި ދަގޭއަށް ކާޑެއް ދައްކަން ޖެހޭކަމަށް ގަބޫލެއް ނުކުރަން. ތެދުތެދަށް ބުނަންޏާ އެއީ ދެން ވަރަށް 'ހެއްވާ ކަމެއް'،" އުރުބާނީ ބުންޏެވެ. "ދެ މެޗުން 10 ދިހަ ލަނޑު ޖަހާފައިވާ ކުޅުންތެރިއެއް، ހުރިހާ ވަގުތެއްގައި ވެސް ލަނޑު ޖަހަން ކެތްމަދުވެފައި ހުންނަ ކުޅުންތެރިއެއް، އަދި އޭނާގެ މުޅި ހަޔާތް ބިނާވެފައި އޮތީ ޑިފެންޑަރުން ކަޓުވާލާފައި އޭރިޔާތެރެއަށް ވަދެ ގޯލް ޖަހަން. އެ ފެންވަރުގެ ކުޅުންތެރިއަކު ކީއްކުރަން އޭރިއާ ބޭރުން އެކްޓް ކުރަންވީ."

މިފަހަރުގެ މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނު ދެމެޗުގައި ޖުމުލަ 18 ލަނޑު ކާމިޔާބުކޮށްފައި ވާއިރު އޭގެ ތެރެއިން 10 ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ.

ކޯޗު ބުނީ ކުރީ މެޗުގައި ދަނގަޑޭއަށް ދެއްކި ކާޑާ މެޗު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަދި އެކަމާ ކަންބޮޑުވާ ކަަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން އެއީ ދައްކަން ޖެހޭ ކާޑެއް ކަމަކަށް. އަދި ވަރަށް ކަންބޮޑުވޭ އޭގެ ފަހަތުގައި އެހެން ކަމެއް ފޮރުވިފައި ވެދާނެތީ،" ގައުމީ ޓީމުގެ ކޯޗު ބުންޏެވެ. "ސަބަބަކީ މި މުބާރާތުގެ ސެމީ ފައިނަލުގައި ދަގަނޑޭ ކުޅޭތަން ދެކެން އެދޭނީ ހަމައެކަނި ދިވެހިންނެއް ނޫން. އަހަންނަށް ހީވަނީ، މި މުބާރާތް، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން، ޖުމުލަކޮށް ބުނާނަމަ 'ފުޓްބޯޅަ' ބޭނުންވާނެ ދަގޭ ކުޅެން."

ކޯޗު ބުނީ ދަގަނޑޭއަކީ ޓީމުގެ ލީޑަރު ކަމަށާއި އަދި ބަޔަކު އޭނާއަށް ނުކުޅެވޭ ގޮތަށް ހަދަން ބޭނުންވި ކަމުގައި ވިޔަސް އެކަމާ ޖެހިލުން ބަލިކަށި ނުވާނެ ކަމަށާއި އެހެން ކަމުން އޭނާ އަފްޣާން މެޗުގައި ކުޅޭނެ ކަމަށެވެ.

"ދަގަނޑޭއަށް އޭނާގެ ނަފުސު ކޮންޓްރޯލް ކުރެވޭނެ. އެކަމަކު އަހަރެމެންނަށް އެހެން މީހުން ބޭނުންވާ ކަންތައް ނުހުއްޓިވިދާނެ. ދެވަނަ ރީނދޫ ކާޑެއް ހޯދާވަރުގެ ކަމެއް އޭނާ ނުކުރާނެ،" ކޯޗު ބުންޏެވެ. "އަހަރެމެން މަސައްކަތް ކުރާނަން ގްރޫޕްގެ އެއްވަނަ ހޯދައިގެން ވަރުގަދަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން،"

ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި އަފްޣާން ވާދަކުރާ ފަހު މެޗު ކުޅޭނީ މިއަދު މެންދުރު ފަހު، ރާއްޖޭ ގަޑިން 2:45ގަ އެވެ.

މިއަދަކީ ދަގަނޑޭގެ 28 ވަނަ އުފަން ދުވަސް ކަމަށް ވުމުން ސަންގެ ފަރާތުން ގައުމީ ޓީމުގެ ފަހުރުވެރި ބަޠަލަށް "އުފަން ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ" ކިޔަމެވެ.