މާދަމާ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ކޯލިޝަނުން ބޭއްވި އެންމެ ފަހު އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ކުޅުދުއްދުއްފުށީގައި ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ރާއްޖޭގައި އޮތް ޑިމޮކްރަޓިކް ނިޒާމު ގެއްލުނީ ކަމަށާއި ދެން ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމުގެ ތުހުމަތު އެކި ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ.

"ހޮނިހިރު ދުވަހު އޮންނަ އިންތިހާބަކީ ވަރަށް ތާރީހީ އިންތިހާބެއް. މިގައުމުގައި މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބެއް ހޮނިހިރު ދުވަހު އޮންނާނެ. މިއީ ދިވެހިރާއްޖޭގައި ބޭއްވޭނެ ދެވަނަ މިނިވަން ރިޔާސީ އިންތިހާބު"، ރައީސް ވަހީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ވޯޓަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މީގެ އަހަރުތަކެއް ފަހުން ވޯޓާ މެދު ވިސްނާ އިރު މާޔޫސް ނުވާނެ ގޮތަކަށް ވޯޓުލުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"މީގެ ދުވަސްތަކެއް ފަހުން މުސްތަގުބަލުގެ ކޮންމެވެސް ދުވަހެއްގައި ތިޔަ ބޭފުޅުން ފަހަތަށް އެނބުރިވަޑައިގެން ތާރީހުގެ ތެރެއަށް ބައްލަވާ އިރު ސުވާލު ކުރައްވާނެ 2013 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ތިމަންނަ ވޯޓުދިނީ ކިހިނެއްތޯ؟ ތިމަންނަ ވޯޓު ދިން ގޮތުން މިގައުމަށްވީ ކިހިނެއްތޯ؟ ތިމަންނަ އެ ދުވަހު ދިން ވޯޓުގެ ސަބަބުން ތިމަންނަގެ ދަރިފުޅަށް، ތިމަންނަގެ ކާފަ ދަރިފުޅަށް، މާމަ ދަރިފުޅަށް ލިބުނީ ފައިދާއެއްތޯ ގެއްލުމެއްތޯ ސުވާލު ކުރައްވާނެ. އެހެންވީމާ އަޅުގަނޑު ދެންނެވީ މި ހޮނިހިރު ދުވަހު ތިޔަ ބޭފުޅުން ދެއްވާ ވޯޓަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފުރުސަތެކޭ. ތިޔަ ބޭފުޅުންގެ ހަޔާތަށް، ތިޔަ ބޭފުޅުންގެ ބޭފުޅުންގެ ހަޔާތަށް، މުޅި ގައުމުގެ މުސްތަގުބަލް ބައްޓަން ކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހު ލިބިވަޑައިގަންނަވާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.