ހިތަދޫން: ހުސައިން ހަސަން

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް "އަސްލާ އެއްގޮތަށް ހަދާފައިވާ" ވަގު ފައިސާތަކެއް އައްޑޫގައި ދައުރުވަމުންދާތީ، އެ ފައިސާ އަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ. ފުލުހުން ބުނީ ވަގު ފައިސާގެ ގޮތުގައި އައްޑޫގައި ދައުރުވަމުން ދަނީ ފަސް ރުފިޔާގެ ނޫޓުތަކެއް ކަމަށެވެ.

އައްޑޫ ސްޓޭޝަން އިންސްޕެކްޓަރު ކޮމާންޑާ މުހައްމަދު ހަސަން "ސަން"އަށް ވިދާޅޫވީ ފަސް ރުފިޔާގެ، ލައްކައެއްހާ ނޫޓު ޗާޕުކޮށްގެން ހިތަދޫ އަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިންޓެލިޖެންސްގެ އެކި މަސްދަރުތައް މެދުވެރިކޮށް، އައްޑު އަށް ވަގު ފައިސާ ގެނައި މީހުންގެ އަތުން ފަސް ރުފިޔާގެ ވަގު ނޫޓެއް ހޯދާފައިވާ ކަމަށާއި އެ ނޫޓް ބަލާލުމުން އެއީ ވަގު ފައިސާކަން ފަސޭހައިން ދެނެނުގަނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް ރުފިޔާގެ ވަގުނޫޓް ދެނެގަނެވޭނެ ގޮތްތައް ތަފުސީލުކޮށްދެއްވަމުން މުހައްމަދު ހަސަން ވިދާޅުވީ ފައިސާގެ ކަރުދާހުގެ އެތެރެއިން އަޅާފައިވާ ސެކިއުރިޓީ ތުރެޑުން ފެންނާނީ އެކިއެކި އިނގިރޭސީ އަކުރުތަކެއް ކަމަށެވެ. ނަމަވެސް ފަސް ރުފިޔާގެ ސައްހަ ނޫޓުގެ އެތެރެއިން އަޅާފައިވާ ސެކިއުރިޓީ ތުރެޑް ބެލުމަށް އައްޔަށް ދިއްކޮށްލުމުން ސެކިއުރިޓީ ތުރެޑް ރޮނގުގައި ލިޔެފައި ވަނީ އެމްއެމްއޭ އެވެ.

ބަލާބެލުމަކަށް ވަގު ފަސް ރުފިޔާގެ ޕްރިންޓް ކޮލެޓީ އަސްލާ ވަރަށް ގާތް ކުރެ އެވެ. ފެން ޖެހިއްޖެ ނަމަ އަދި ދޮވެލުމުން ވެސް ކުލައެއް ނުފޭދެ އެވެ. ނަމަވެސް ކަރުދާސް ބޯމިނާއި އިނގިލި ހާކާލުމުން އަތުގައި އަޅައިގަންނަ ކަހަލަ "ރާޅު" ގޮތެއް ހުރެ އެވެ.

މާލެއަށް ފަހު އެންމެ އާބާދީ ބޮޑު ރަށް ހިތަދޫގައި ރިޔާސީ އިންތިހާބަށް ދައުރުވަމުންދާ ވަގު ފަސް ރުފިޔާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރަމުންދާ ކަމަށާއި ނަމަވެސް ރަސްމީކޮށް، އެ މައްސަލަ ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށް ފުލުހުންގެ އައްޑޫ ކޮމާންޑަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ވަގު ފައިސާ ގެންގުޅުމުގައި އިސްކޮށް އުޅޭ މީހާ ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ފުލުހުން ކުރަމުންދާ ކަމަށެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވި ގޮތުގައި ފަސް ރުފިޔާގެ ވަގު ނޫޓުތަކެއް ގެންގުޅޭ ކަމުގެ ތުހުމަތުކޮށްގެން އުޅޭކަން އެމްޑީޕީ މީހެއްގެ މައްޗަށެވެ. ފުލުހުން އޭނާގެ މައްޗަށް އެފަދަ ތުހުމަތެއް ކޮށްގެން އުޅެނީ އިންތިހާބަށް ނުފޫޒުފޯރުވުމަށް ކަމަށް ބެލެވިދާނެ ކަމުގައި ސޯބެ ވިދާޅުވި އެވެ.

އައްޑޫ ސްޓޭޝަން އިންސްޕެކްޓަރު ކޮމާންޑާ ވިދާޅުވީ އިންތިހާބުގެ މަސްލަހަތު ގެއްލޭ ގޮތަކަށް ފުލުހުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އާންމުން ހޭލުންތެރި ކުރުވައިގެން އެ ފައިސާ ދައުރުވުން ހުއްޓުވުމަކީ ވެސް ފުލުހުން ބޭނުންވާ ކަމެއް ކަމަށެވެ.

"ވަގު ނޫޓުގެ އިސްކޮށް އުޅޭ މީހާ އަތުލައިގަތުމަށް ޝަރުއީ މަރުހަލާ އިން ކުރަން ޖެހޭ ކަންތައްތައްކޮށްފައި ވާނީ. އެކަން [ހައްޔަރު] ކުރަންޖެހިއްޖެ ކަމުގައިވާ ނަމަ ފަސް ނުޖެހޭނަން. ވަގު ފަސް ރުފިޔާގެ މައްސަލާގައި އައްޑޫ މޭޔަރު ސޯބެގެ ސަމާލުކަމަށް ވެސް އަޅުގަނޑުމެން ގެނެސްފައި ވާނީ،" އައްޑޫ ސްޓޭޓް ހައުސްގައި "ސަން"އަށް އިންޓަވިއު ދެއްވަމުން މުހައްމަދު ހަސަން ވިދާޅުވި އެވެ.