06 Sep 2013, 09:17
ސާފް ޗެމްޕިއަންޝިޕް 2013 ގްރޫޕް ސްޓޭޖްގައި ނޭޕާލް ކުޅުނު ފަހު މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ބަލި ކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ނޭޕާލުގެ ކޯޗު ޖެކް ސްޓެފަނޯސްކީ ބުނެފި އެވެ.
އިއްޔެ ކަތުމަންޑޫގެ ދަސަރަތު ރަންގަސަލާ ސްޓޭޑީއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ނޭޕާލު 2-1 އިން މޮޅުވެފައިވާއިރު ނޭޕާލަށް އިންޑިއާގެ ގޯލް ހުޅުވާލަ ދިނީ އަނިލް ގުރުން އެވެ. އަދި ދެވަނަ ލަނޑު ޖުމާނު ރާއީ ކާމިޔާބު ދިންއިރު އިންޑިއާގެ ހަމަ އެކަނި ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބު ކޮށްދިނީ ސައީދު ރަހީމް ނަބީ އެވެ.
"ޖުމުލަކޮށް ބުނާނަމަ މިއީ ވަރަށް ފުރިހަމަ މެޗެއް. މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް" ނޭޕާލު ޓީމުގެ އެމެރިކާ ކޯޗު ބުންޏެވެ. "މިހާރު ނޭޕާލަށް އިންޑިއާ ވެސް ބަލި ކުރެވޭ ކަން މީހުނަށް އެނގޭނެ."
ނޭޕާލްގެ ގާތްގަނޑަކަށް 22،000 ސަޕޯޓަރުންގެ ކުރިމަތީ ކުޅެ އިންޑިއާ ބަލިކުރި މެއްޗަށްފަހު ސްޓެފަނޯސްކީ ބުނީ، އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ އޭނާގެ ޓީމަށް ފުރިހަމައަށް ހިފޭ ކަމަށާއި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނޭޕާލް ސެމީފައިނަލަށް ދަތުރު ކޮށްފައިވާ އިރު އެޓީމު ސެމީ ފައިނަލްގައި ވާދަކުރާނޭ ޓީމެއް އިނގޭނީ މިއަދު ރާއްޖެއާ އަފްޣާނިސްތާން ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ސްޓެފާނޯސްކީ ބުނީ ރާއްޖެއާ އަފްޣާން ވާދަކުރާ މެޗުގެ ނަތީޖާއަށް ބެލުމަށްފަހު ސެމީފައިނަލަށް ފުރިހަމައަށް ތައްޔާރު ވާނެ ކަމަށެވެ