ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިން މ. އަތޮޅު މުލަކު ސްކޫލަށް ފައިސާގެ އެހީ ދެއްވި މައްސަލަ އިލެކްޝަންސް ކޮމިޝަނުން އެންޓި ކޮރޮޕްޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ވިދާޅުވީ ރައީސް ވަހީދުގެ އަނބިކަނބަލުން މުލަކު ސްކޫލަށް އެހީ ދެއްވި މައްސަލަ އެ ކޮމިޝަނަށް ހުށަހެޅުމުން ކޮމިޝަނުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު މިއަދު އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

"ކޮންޕްލެންޓްސް ބިޔުރޯ އަށް މައްސަލަ ހުށަހެޅިފައިވާ ގޮތަށް އަދި ކޮންޕްލެންޓްސް ބިޔުރޯގެ ލަފާގެ މަތިން އަޅުގަނޑުމެން މިއަދު އެ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފައި." ފަޔާޒް ވިދާޅުވި އެވެ.

ރައީސް ވަހީދުގެ އަނބިކަނބަލުން މ. މުލަކު ސްކޫލަށް ދެއްވާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އެހީއެކެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ފައިސާ މުލަކު ސްކޫލަށް ހަވާލުކޮށްފައި ވަނީ މި ދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ސްކޫލްގައި ބޭއްވި ސްކޫލްގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއްގަ އެވެ.

ސްކޫލްގެ ޕްރިންސިޕަލް އުދަޔާ ރާޒް ސަން އަށް ވިދާޅުވީ އެ ފައިސާ އަކީ އެ ސްކޫލްގެ ކޮމްޕިއުޓާ ލެބްގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވެގެން، ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މީގެ ހަތަރު މަސް ދުވަސް ކުރިން އެދިގެން ހަދިޔާކޮށްފައިވާ ފައިސާއެއް ކަމަށެވެ.

ގައުމައިގެން ކުރިއަށް ކޯލިޝަންގެ ސްޕޯކްސްޕާސަން އަބްދުއްރަޝީދު ނާފިޒު ސަން އަށް ވިދާޅުވީ އެ ފައިސާ އިލްހާމް މުލަކު ސްލޫލަށް ހަދިޔާ ކުރައްވާފައި ވަނީ އަމިއްލަފުޅު ހައިސިއްޔަތުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޔާޒް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަ ވެސް ބަލަމުންދާ ކަމަށާއި އެގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ އެކަމާ ގުޅުން ހުރި ހެކި ހޯދުމުގެ މަސައްކަތް ކަމަށެވެ.