އިނގިރޭސި ދެމަފިރިން ކުއައުޑް ބައިކަށް އަރުވައިގެން ދުއްވި ސްވިޑަންގެ ރައްޔިތެއް ކަމަށްވާ ފިލިޕް އިއުޖެއިން ފްޓްރާގެ މައްޗަށް ދައުލަތުން ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓަށް އިނގިރޭސިވިލާތުގެ ދެމަފިރިން ހަނީމޫނަށް ގޮސް އުޅެނިކޮށް އެ ހާދިސާ ހިނގީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެކްސިޑެންޓްވި އުޅަނދަކީ އެކަކު އަރައިގެން ދުއްވާ އުޅަނދެއް ކަމަށް ވިޔަސް އެފަދަ އުޅަނދުތަކަށް އެއަކަށް ވުރެ ގިނަ މީހުން އަރައިގެން ދުއްވާ ކަމަށް ކުރެއްދޫ ރިސޯޓުން ބުނެފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އެ އުޅަނދު ދުއްވުމުގައި ފިލިޕްގެ އެއްވެސް އިހުމާލެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ފިލިޕްގެ މައްޗަށް ދައުލަތުން އުފުލީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. ގާނޫނުލް އުގޫބާތު ބުނާގޮތުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށަށް އެންމެ ބޮޑު އަދަބަކަށް އޮންނަނީ ހަ މަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

އެކްސިޑެންޓުގައި މަރުވި އިނގިރޭސީ ދެމަފިރިން ކަމަށްވާ މާ ގްރޭ އާއި ޖޮނަތަންގެ ދަރިފުޅަށް 18 އަހަރު ފުރެންދެން އޭނާގެ ޚަރަދުތައް ހަމަޖައްސަން ކުރެއްދޫ ރިސޯޓް އޯނަރު ވަނީ ނިންމާފަ އެވެ.

އެކްސިޑެންޓްވި ކުއަޑްބައިކް ދުއްވަން އިން ފިލިޕް އަކީ އެ ރިސޯޓުގެ ގެސްޓް ރިލޭޝަންސް އޮފިސާ ޓްރޭނީގެ މަގާމުގައި ހުރި މީހެކެވެ.