05 Sep 2013, 22:44
އިނގިރޭސިވިލާތުގައި 130 އުޅަނދު ޖެހި ހިނގި ބޮޑު އެކްސިޑެންޓެއްގައި 200 މީހުންނަށް އަނިޔާވެގެން ފަރުވާ ދީފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ކެންޓުގެ އެންމެ ބާރުބޮޑު އެއް ހައިވޭ ކަމަށްވާ އޭ 249 ޝެޕޭ ކްރޮސިންގައި މިއަދު މި އެކްސިޑެންޓް ހިނގާފައި ވަނީ ދުންފިނީގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ދަށެވަފައި ވަނިކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ހާދިސާ އަށް އެޓެންޑްވި އެމްބިއުލަންސް ކުރޫތަކުން ބުނީ ޖުމްލަ 200 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދީފައިވާ ކަމަށާއި މީގެ ތެރެއިން 27 މީހުންނަށް ލިބިފައިވާ އަނިޔާތައް ބޮޑު ކަމުން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ.
އިނގިރޭސި ފުލުހުން ބުނީ އަނިޔާވި މީހުންގެ ތެރެއިން އަށް މީހަކަށް ފުރާނައަށް ނުރައްކާވާ މިންވަރަށް އަނިޔާވެފައިވާ ކަމަށާއި އެ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނީ ދުރު ފެންނަ މިންވަރު ދަށްވެފައިވީ ނަމަވެސް ގިނަ އުޅަނދުތައް ދަތުރުކުރަމުން ދިޔައީ ހެޑްލައިޓްސް ނުދިއްލައި ކަމަށާއި ފުރަތަމަ އެކްސިޑެންޓަށް ފަހު މެދުނުކެނޑި 10 މިނެޓު ވަންދެން ފަހަތުން އައި އުޅަނދުތައް އެކްސިޑެންޓްވަމުން ދިޔަ ކަމަށެވެ.
އިނގިރޭސިވިލާތުގެ ހައިވޭސް އެޖެންސީ އިން ބުނީ މިއަދުގެ ބޮޑު ބައެއްގައި އޭ249 ބަންދުކޮށްފައިވާ ކަމަށާއި އެކްސިޑެންޓުވި އުޅަނދުތައް މަގުން ނެގެންދެން ހައިވޭ އެއްކޮށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.