ގދ. ތިނަދޫން: މުރުޝިދު އަބްދުލް ހަކީމް

ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަން "ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް"ގެ ނަމަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާއި އެކު އެ ހޮސްޕިޓަލުގެ ނަން ވަނީ ބަދަލުކުރައްވާފަ އެވެ. ހޮސްޕިޓަލުގެ ނަން ބޯޑު ވަނީ "ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް"ގެ ނަމަށް މިއަދު ބަދަލުކޮށްފަ އެވެ.

މިގެނައި ބަދަލާމެދު އެރަށުގެ އާންމުގެ މެދުގައި ހިޔާލު ތަފާތެވެ. ބައެއް މީހުނަށް ދެކޭ ގޮތުގައި ޑރ. ސަމަދުގެ ހަނދާނުގައި ހޮސްޕިޓަލުގެ ނަން ބަދަލުކުރުމަކީ " ބޭކާރު " ކަމެކެވެ. އެ ނަޒަރުން ދެކޭ މީހުން ބުނަނީ ޑރ. ސަމަދަކީ ތައުލީމީ އަދި ދައުލަތަށް ހިދުމަތްކުރެއްވި ބޭފުޅެއް ނަމަވެސް އެ ހޮސްޕިޓަލަށް އެ ނަން ގެންނަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރޭ ކަމަށެވެ. ސިއްހީ ދާއިރާއަށް ހިދުމަތްކުރެއްވި ނަމަވެސް އެ ހޮސްޕިޓަލުގެ ތާރީހާއި ސަމަދުއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބައެއް މީހުން ދެކެ އެވެ.

'"ދެން ކީއްކުރަން ކުރާ ކަމެއް. މި ހޮސްޕިޓަލަށް މާގިނަ ހިދުމަތްކޮށްދިން މީހުން އެބަތިބި، ކީއްވެ ވަކި ޑރ. ސަމަދުގެ ނަމަށް މި ހޮސްޕިޓަލުގެ ނަން ބަދަލުކުރަނީ، " ހޮސްޕިޓަލުގެ ނަން ބޯޑު ބަދަލުކުރަމުންދަނިކޮށް އެ ހޮސްޕިޓަލަށް ވަން މީހަކު ބުނެލި އެވެ.

ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ ޑރ. ސަމަދުގެ ނަމަށް ބަދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ސަމަދުގެ ހަނދާނުގައި އޭ ބުނެ ނިމިފައިވާ ހޮސްޕިޓަލަކަށް ނަން ދިނުމުން އެ ހޮސްޕިޓަލުގެ ތާރީހް އޮޅުމަކީ އެކަށީގެންވާ ކަމަކެވެ.

ސަން އާ ވާހަކަ ދެއްކި ބައެއް އާންމުގެ އިތުރުން އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންގެ ވެސް އެ ވިސްނުން އެބަ ހުއްޓެވެ. ސަން އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ވަނީ ރީޖަނަލް ހޮސްޕިޓަލުގެ ނަން ކަނޑާލުމަށްފަހު މެމޯރިއަލް ހޮސްޕިޓަލުގައި ބަދަލުކުރުމުން ސަރައްދީ ހޮސްޕިޓަލަކުން ދެމުންދާ ހިދުމަތަށް ސަރުކާރުން އިހްމާލްނުވާނެތޯ ސުވާލު އުފައްދާފަ އެވެ.

"ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް"ގެ އެސިސްޓެންޓް މެނޭޖަރު އާމިނަތު އަބްދުލްހަކީމް ވިދާޅުވީ ހޮސްޕިޓަލުގެ ނަން ބަދަލުކުރުމާއިމެދު އެކި މީހުންގެ ހިޔާލުހުރީ އެކި ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލުގެ ނަން ކަނޑާލުމުން ސަރައްހައްދީ ސަރައްދީ ހޮސްޕިޓަލެއްގެ ގޮތުގައި އޮތްއިރު ސަރުކާރުން ދެމުންދާ އަހައްމިޔަތު ދީފާނެ ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

"ސަރުކާރުގެ ނިންމުމަށް އަޅުގަނޑުމެން އިހްތިރާމް ކުރަން. އެހެން ނަމަވެސް ނަން ބަދަލުކޮށްގެން އޭގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިދާނެތޯ. ރީޖަނަލް ހޮސްޕިޓަލުގެ ނަން ބަދަލުކުރުމުން އޭގެ ސަބަބުން އެހެން ރަށެއްގައި ރީޖަނަލް ހޮސްޕިޓަލެއް އަޅަން ނިންމަނީތޯ ވެސް އެބަ ސުވާލުއުފައްދާ. ޑރ. ސަމަދުގެ ހަނދާނުގައި މި ހޮސްޕިޓަލުގެ ނަން ބަދަލުކުރުމުގެ އެހެން ބިނާއެއް ހިދުމަތްދިނުމަށްޓަކައި އެޅުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި ދެކެވެނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. ސަމަދަކީ ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށްވާއިރު އެބޭފުޅާގެ ހަނދާނުގައި އިތުރު ހިދުމަތްދޭނެ ތަނެއް އެ ރަށުގައި ސަރުކާރުން އެޅުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

ނަމަވެސް ނަމަށް ގެންނަ ބަދަލަކީ ހިދުމަތަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ. އެ ހޮސްޕިޓަލް ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަޝީދު ވިދާޅުވީ ނަމަށް ބަދަލު އައިނަމަވެސް ހިދުމަތްތައް ރަނގަޅު ފެންވަރުގައި ދެމުންދާ ކަމަށްވާނަމަ އެއީ އެއްވެސް މައްސަލަ އެއްނޫން ކަމަށެވެ. އަދި އެއިރެއްގެ ސަރުކާރުން ނިންމާ ނިންމުމަށް އިހްތިރާމް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުދެކޭ ގޮތުގައި މައްސަލަ އެއްނޫން އެއީ ނަން ބަދަލުކުރުމަކީ. ސަރުކާރުން ނިންމާ ނިންމުމެއް އެއީ. އެހެން ނަމަވެސް ނަން ބަދަލުކުރާއިރު ތަނުގައި ރަނގަޅު ހިދުމަތްތަކެއް ދެމުންދާން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ، " އަބްދުއްރަޝީދު ވިދާޅުވި އެވެ. ތަފާތުވެފައިވާ ހިޔާލުތަކުގެ ތެރެއިން އެ ހޮސްޕިޓަލަށް "ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް" ކިޔަން ޖެހޭ ކަމަށް ގަބޫލުކުރާ ފަރާތަށް ވެސް އުޅެވެ. އެއީ ސިއްހީ ދާއިރާއަށް ހިދުމަތްތަކެއް ކޮށްދީފައިވާ ތިނަދޫއަށް އުފަން ދަރިއަކަށްވީތީ އެ ބޭފުޅެއްގެ ޒިކުރާ އާކުރުމަށެވެ. އަދި އެ ހޮސްޕިޓަލަށް ވެސް އެ ބޭފުޅާގެ އެހީތެރިކަމެއް އޮންނާނެތީ އެވެ.

ޑރ. ސަމަދުގެ ޒިކުރާ އާކުރުމާއިމެދު ހިޔާލު ތަފާތުނުވި ނަމަވެސް ހިދުމަތްދެމުންދާ ހޮސްޕިޓަކަށް ޑރ. ސަމަދުގެ ހަނދާނުގައި ކަމަށް ބުނެ ނަން ދިނުމާމެދު މިވަނީ ހިޔާލު ތަފާތުވެފަ އެވެ.