05 Sep 2013, 22:12
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ލިސްޓުގައި ނަން ނެތް މީހަކަށް ވޯޓް ލެވޭނީ ކޯޓުން ނިންމާ ގޮތެއެގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ނަން ނެތް އެއްވެސް މީހަކަށް ވޯޓު ނުލެވޭނެ ކަމަށެވެ. އަދި ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލާން ބޭނުން ވެއްޖެ ނަމަ އެ މީހަކަށް ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި ނަން ނެތް މީހަކަށް ވޯޓު ލެވޭނެކަން ނުވަތަ ނޫންކަން އެ ކޮމިޝަނުން ނިންމާނީ ކޯޓުން ކުރާ ހުކުމެއްގެ މަތިން ކަމަށް ފަޔާޒު ވިދާޅުވި އެވެ.
"މިސާލަކަށް މިއަދު މީހަކު އަޅުގަނޑުމެންނަށް ޝަކުވާ ހުށަހެޅީ ތިމަންނަގެ ނަން ލިސްޓުގައެއް ނެތޭ. ދެން އަޅުގަނޑުމެންނަށް ޖަވާބު މި ދެނީ އިތުރަކަށް ތި މީހެއްގެ ނަން ލިސްޓުގައި ހިމެނޭނެ ގޮތެއް ނެތޭ. އިތުރަށް މައްސަލަ ހުށަހަޅަން ބޭނުން ނަމަ އެބަ އޮތޭ ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު. ހައި ކޯޓުން މާދަމާ ވެސް ހުކުމް ކުރަންވީ އެގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ އެންމެންނަށް ވޯޓުލެވޭ ގޮތް ހަމަޖައްސާށޭ. އެގޮތަށް ހުކުމްކޮށްފިއްޔާ ހަމަ ހޮނިހިރު ދުވަހު އެފަދަ ކޮންމެ މީހަކަށް ވޯޓު ލެވޭނެ ގޮތް ޖެހޭނެ ހަމަޖައްސަން،" ފަޔާޒު ވިދާޅުވި އެވެ.
ފަޔާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ލިސްޓުގައި ނަން ނެތް މީހަކަށް ވޯޓް ލެވެން ޖެހޭނެ ކަމަށް ބުނެފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ބައެއް ފަރާތްތަކުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެ ކޮމިޝަނުން އާންމުކޮށް ގެޒެޓް ކުރުމުގެ ކުރިން އެ ކޮމިޝަނުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ގާނޫނީ މަރުހަލާތަކެއް ފުރިހަމަ ކުރި ކަމަށާއި އެހެން ކަމުން ނަން ނެތް މީހަކަށް ވޯޓު ލުމުގެ ފުރުސަތު ދެވޭނެ ހަމައެކަނި ގޮތަކީ ކޯޓުން އެކަމަށް ހުކުމްކޮށްގެން ކަމަށެވެ.
ފަޔާޒު ވިދާޅުވީ ވޯޓު ރީ ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ކުރިއަށް ދިޔަ އިރު އޮޅުވާލައިގެން ބައެއް މީހުން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އަމަލު ހިންގި ފަރާތްތަކުގެ މައުލޫމާތާއި ހެކި އެބަ ހުރި ކަމަށާއި އެ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަޔާޒު ވިދާޅުވީ އޮޅުވާލައިގެން ވޯޓް ލާން ބޭނުންވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ކޮށްފައި މީހަކު އޮތް ނަމަވެސް ދެން ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި ކޮންމެ މީހަކު ވެސް ވޯޓުލާން ޖެހޭނީ އެ މީހަކު ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ކަމަށެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރު އަލި މަނިކު ވިދާޅުވީ ރަޖިސްޓްރޭޝަންއާ ގުޅިގެން 275 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އަދި އޭގެ ތެރެއިން 258 މައްސަލަ ބަލާ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިންތިހާބާ ގުޅިގެން 35 މައްސަލައެއް ހުށަހެޅި 29 މައްސަލައެއް ބަލައި ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.