އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ ހުރިހާ ފަރާތްތަކުން ގަބޫލުކޮށް، ތަފާތު ހިޔާލުތައް ހައްލުކުރުމަށް ރައީސް މުހައްމަދު ވަހީދު މިރޭ ގޮވާލައްވައިފި އެވެ.

އިންތިހާބާ ގުޅިގެން މިރޭ ގައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ތަހުޒީބީ އާދަކާދަކާދައާއެކު އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ތަފާތު ހިޔާލުތައް އެކަމަށް ކަނޑައަޅާފައިވާ ފުރުސަތުގެ ތެރެއިން ހައްލުކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެހަމައެފަދައިން އެ ދުވަހުގެ އިންތިހާބުގައި އެންމު މުސްކުޅި އެންމެ ޟައީފު މިހާ އަށް ވެސް ރައްކާތެރިކަމާއެކު އޭނާގެ ވޯޓު ދިނުމުގެ ހައްގު ގާއިމުކުރެވޭނެކަން ޔަގީންކޮށް ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"ރާއްޖޭގައިވެސް މިކަން ހިނގާނީ މިފަދައިން. ކާމިޔާބުކުރާނީ ހަމަ އެންމެ ކެންޑިޑޭޓެއް. އެއީ، ޠަބީޢީގޮތުން މިކަން ހިނގާނޭ ގޮތް. ވުމާއެކު، ރާއްޖޭގައި މިދިޔަ 5 އަހަރު ބޭއްވުނު އެހެން އިންތިޚާބުތަކެކޭ އެއްފަދައިން، ތަހުޒީބީ އާދަކާދައާއެކު އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށް، ތަފާތު ޚިޔާލުތައް، އެކަމަށް ކަނޑައަޅާފައިވާ ފުރުޞަތުތަކުގެ ތެރެއިން ޙައްލުކުރުމަށް އަޅުގަނޑު ގޮވާލަން. އަދި ހަމައެފަދައިން، އެދުވަހުގެ އިންތިޚާބުގައި އެންމެ މުސްކުޅި އެންމެ ޟަޢީފު މީހާއަށްވެސް ރައްކާތެރިކަމާއެކު، އޭނާގެ، ވޯޓު ދިނުމުގެ ޙައްޤު، ޤާއިމުކުރެވޭނޭކަން ޔަޤީންކޮށް ދެއްވުމަށްވެސް، ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަން. ރީތި ނަމޫނާ ދައްކަވައިގެން މިސާލުދެއްކެވުމަށް ކެންޑިޑޭޓުންނަށް އިލްތިމާސްކުރަން. ޑިމޮކްރަސީގެ އެންމެ ރީތި މިސާލަކަށްވާނީ މިކަންކަން ގާއިމުކުރެވުން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އިންތިޚާބަކީ ޑިމޮކްރަސީގެ މަގުގައި ދިވެހިން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އިންތިޚާބުގައި ވޯޓުހޯދުމަށް ވާދަވެރިކަމާއެކު ކުރެވިގެން މިދާ ކެމްޕެއިނަކީ، ޑިމޮކްރަސީގެ މަގުގައި މި ކުޑަކުޑަ ރާއްޖެ އޮތް ހިސާބު ދައްކުވައިދޭ ހެކިތަކެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް ގެނެވުނު އިސްލާހީ ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު ބަދަލަކީ، ގައުމު ހިންގާނޭ މީހަކު، ސީދާ ރައްޔިތުން ކަނޑައަޅާ ގޮތަށް ހަމަޖެއްސުން. ވެރިކަމަށް ކުރިމަތިލާ ކެންޑިޑޭޓުން ހުށަހަޅާ މެނިފެސްޓޯތަކާއި މުސްތަޤްބަލުގެ ފިކުރުތަކަށް ބަލައިގެން ވެރިއަކު އިންތިޚާބު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިދިނުން،" ރައީސް ވިދާޅުވި އެވެ. " މި ހައްގަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް. އެ ވޯޓު ސިއްރުވޯޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީވެސް އެ ހައްގުގެ މުހިންމުކަމުން. އެހައްގުގެ ބޭނުން މިނިވަންކަމާއެކު ކުރެވުން ޔަގީންކުރުމަށްޓަކައި."

ރައީސް ވަހީދު ވިދާޅުވީ ބައެއް ބޭފުޅުންނަކީ، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ބޭފުޅުންނަށް ނުވެދާނެ ކަމަށާއި އެހެނަސް، ގައުމުގައި ކަންހިނގާ ގޮތާމެދު ޚިޔާލެއް ނުވަތަ ހިތްހަމަޖެހުމެއް، ނުވަތަ ކަންބޮޑުވުމެއް، ހަމަ ކޮންމެ ރައްޔިތެއްގެވެސް އޮންނާނެ ކަމަށެވެ. އަދި ހަމައެއާއެކު، އެއްވެސް ބޭފުޅަކީ މިގައުމަށް ކޮންމެ ގޮތެއްވިޔަސް ވަރިހަމަ ބޭފުޅަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެނީ ތިޔައިން ކޮންމެ ބޭފުޅެއްގެވެސް ހިތާ އެންމެ ގާތް ގޮތަކަށްވާނީ، މި ގައުމުގެ މަޞްލަޙަތުތަކާއި ކުރިއެރުން ކަމުގައިވާތީ. އެހެން ކަމަށްވާނަމަ، ޤައުމުގެ މުސްތަގުބަލު ކަނޑައެޅުމުގައި ތިޔައިން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ޙައްޤުގެ ބޭނުންކުރައްވާ! ހޮނިހިރު ދުވަހު ލިޔެވިގެންދާ ތާރީޚުގެ ސަފުހާގައި، ތިޔަބޭފުޅުންގެ ދައުރު އަދާކުރައްވާ! މިއީ ހުރިހާ ގޮތަކުންވެސް ރައްޔިތުންގެ ނިންމުމަކަށް ހައްދަވާ!" ރައީސް ވިދާޅުވި އެވެ.