21 Nov 2010, 11:53
ޝެއިހް އިބްރާހިމް ފަރީދު "ސިއްރު" ކައިވެންޏެއް ކުރެއްވި ކަމުގެ ތުހުމަތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފުލުހުން މަސައްކަތްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޝެއިހް ފަރީދު ރާއްޖެ އިން ބޭރުގައި ކައިވެންޏެއް ކުރެއްވި ކަމުގެ ތުހުމަތަށް ފަހު، އެ ކައިވެނި ރަޖިސްޓްރީ ނުކުރައްވައި އުޅުއްވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވުމަށް ފަރީދަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓެއް ފޮނުވާފައި ނުވާނެ، ނަމަވެސް ޝެއިހް ފަރީދު ކައިރިން ސާފުކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާނެ،"
ޝެއިހް ފަރީދު ސިއްރު ކައިވެންޏެއް ކުރައްވައިގެން އުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުނެ، ފަރީދު ވަނީ މިއަދު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދުއާ އޭނާ ބައްދަލު ކުރެއްވި ވަގުތު ގިނަ އަދަދެއްގެ ފުލުހުން ވެސް އިސްލާމިކް މިނިސްޓްރީގެ ބޭރަށް ޖަމާވެފައި ތިއްބެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
ޝިޔާމް ވިދާޅުވީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ފަރީދު އިސްލާމިކް މިނިސްޓްރީގައި އިންނެވުމުން ނޫން ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް ދިޔައީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރީދު ފުލުސް އޮފީހަށް ހާޒިރުމުގެ މަސައްކަތް ހުއްޓައިލީ ޝައިހު ފަރީދު ރާއްޖެ އިން ބޭރުގައި ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކައިވެނި ރަޖިސްޓްރީ ކުރުމަށް އާއިލާއާ ބެހޭ ކޯޓަށް ހުށަހަޅާފައިވާ ކަން ޔަގީން ވުމުން ކަމަށެވެ. ނަމަވެސް ފަރީދު ސިއްރު ކައިވެންޏެއް ކުރެއްވި ކަން ފުލުހުންނަށް ރިޕޯޓްކުރި ފަރާތެއް އޭނާ ވިދާޅެއް ނުވި އެވެ.
އިސްލާމިކް މިނިސްޓްރީގައި ފަރީދު، ޝަހީމްއާ ބައްދަލު ކުރެއްވުމަށް ފަހު ފަރީދު އެ މިނިސްޓްރީން ނުކުންނެވި ވަގުތު ސަން އޮންލައިނުން ސުވާލު ދެންނެވުމުން ފަރީދު އެއްވެސް ކޮމެންޓެއް ނުދެއްވި އެވެ.