ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކި ގޮތަކަށް ވޯޓް ލުމަށް ރުފިޔާ އާއި ތަކެތި ދިނުމަކީ ގާނޫނީ ކުށެއް ކަމަށާއި އެފަދަ ތަކެތި ހިފާ ފަރާތްތަކާއި އަދި ދޭ ފަރާތާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސިކިޔުޓާ ޖެނަރަލް( ޕީޖީ) އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޕީޖީ މުއީޒް ވިދާޅުވީ އިންތިހާބުގައި ވަކި ފަރާތަކަށް ވޯޓް ލުމަށްޓަކައި ހަދިޔާ ދިނުން ބެލެވޭނީ ރިޝްވަތު ދިނުން ކަމަށެވެ. އެހެން ކަމުން އެފަދަ ގޮތަކަށް ހަދިޔާ ދިން ފަރާތަކާ މެދު ވެސް އަދި އެފަދަ ހަދިޔާއެއް ހިފި ފަރާތަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިންތިހާބުގައި ވަކި ގޮތަކަށް ވޯޓް ލުމަށްޓަކައި ހަދިޔާ ދިނުމާއި ހަދިޔާ ގަބޫލު ކުރުމަކީ ގާނޫނީ ކުށެއް. އަދި ހަދިޔާ ދިނުމާއި ހަދިޔާ ގަބޫލު ކުރުން ބެލެވޭނީ ރިޝްވަތުގެ އަމަލުތަކެއްގެ ގޮތުގައި. އެހެން ކަމުން ހަދިޔާ ދޭ ފަރާތާ މެދު ވެސް އަދި ހަދިޔާ ހިފާ ފަރާތާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނަން. އެއީ ހަދިޔާ ދިނުމަކީ ވެސް އަދި ގަބޫލު ކުރުމަކީ ވެސް ކުށެއް އެކަން ބެލެވޭނީ ރިޝްވަތު ދިނުމާއި ހިފުން ކަމުގައި،" މުއިއްޒު ވިދާޅުވި އެވެ.

މުއީޒް ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމުން ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.