05 Sep 2013, 18:36
ބަޔަކަށް ބިރު ދައްކައި ސައިކަލެއް ފޭރިގަތް މައްސަލާގައި ހައްޔަރުކޮށްފައިވާ އަޒްލީފް ރައޫފް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ކުރިމިނަލް ކޯޓުން ބުނީ އުމުރުން 28 އަހަރުގެ އަޒްލީފް ރައޫފް ކޯޓަށް ހާޒިރުކޮށްފައި ވަނީ އާއިލާ އިން ކޯޓަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެން ކޯޓަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްލީފްގެ އާއިލާ އިން ކޯޓުގައި އެދިފައި ވަނީ އޭނާގެ މައްޗަށް ކުރާ ޝަރީއަތް އަވަސްކޮށްދިނުމަށެވެ.
އަޒްލީފް ރައޫފު ކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު ހަވީރު ތިނެއް ޖަހާއެހާކަންހާއިރު އެވެ.
އަޒްލީފް ރައޫފު ހައްޔަރުކޮށްފައި ވަނީ ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާ އެކު، ބަޔަކަށް ބިރު ދައްކައި ސައިކަލެއް ފޭރިގެންފައިވާ މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅުމުން ނެވެ.
އަޒްލީފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅުން ހުރި ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. ނަމަވެސް، ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އަޒްލީފް ދޫކޮށްލައިފަ އެވެ.