05 Sep 2013, 18:30
މާދަމާ ނޫން އަނެއް ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު ހިނގަމުންދާ އިރު އަމަން ބެލެހެއްޓުމަށް މިއަދު ހަވީރު ހައެއް ޖަހާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ތިބޭނެ ކަމަށް ކަމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ފުލުހުން ތައްޔާރުވެފައިވާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ރިޔާޒު ވިދާޅުވީ އިންތިހާބަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްލޭންގައިވާ ގޮތަށް، މިއަދުގެ 18.00ވާ އިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ތިބޭނެ. މޫސުން ތަންދޭ ނަމަ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ރަށްރަށުގައި ތިބޭ ފުލުހުންނަށް އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ އަތޮޅު ފެންވަރުގައި އެހީ ލިބޭނެ ގޮތް ހަމަޖައްސަވާފައިވާނެ ކަމަށާއި އެއަށް ވުރެ ބޮޑަށް އެހީތެރިކަން ބޭނުން ވެއްޖެ ނަމަ ސިފައިންގެ އެހީ ލިބޭނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ލިބިދީފައިވާނެ ކަމަށެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރާނެ ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެހާ ކަންތައްތަކަށް އަޅުގަނޑުމެން މިވަނީ ތައްޔާރު ވެފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އިންތިހާބާ ގުޅިގެން ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކުރާ މަސައްކަތްތައް ކުރަމުން އަންނަނީ އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކައިގެން ކަމަށެވެ.
މިފަހަރުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކެމްޕޭން ކުރި އިރު ވަރަށް މަދު ހާދިސާއެއް ނޫނީ ހިނގާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އިންތިހާބު އަމާން އޮމާންކޮށް ގެންދިއުމަށް ޓަކައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކުގައި ވެސް މަޝްވަރާކުރައްވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.