ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގެ އެއް ވަނަ ޓީމުގެ ގޮތުގައި ނޭޕާލް ސެމީ ފައިނަލުން ޖާގަ ހޯދިއިރު، އެ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި އިންޑިއާ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގްރޫޕް އޭގެ އެންމެ ފަހު މެޗްތައް މިއަދު ނޭޕާލްގައި ކުޅުނުއިރު، އިންޑިއާ އަތުން ނޭޕާލް މޮޅުވީ 2-1 ލަނޑުންނެވެ. އަދި ބަންގްލަދޭސް އަތުން ޕާކިސްތާން ވެސް މޮޅުވީ 2-1 ލަނޑުންނެވެ.

ނޭޕާލަށް ސެމީފައިނަލް ކަށަވަރުވެފައި ވަނީ ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. އަދި އިންޑިއާއަށް ސެމީފައިނަލް ކަށަވަރު ވެފައިވަނީ، ޕާކިސްތާނާއި ޕޮއިންޓުގެ ގޮތުންނާއި އަދި ޖެހި ލަނޑުގެ ގޮތުންވެސް އެއްވަރުވުމުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގެ ކުރިމަތިލުން އިންޑިއާއިން ކާމިޔާބު ކޮށްފައި ވާތީވެ އެވެ.

ގްރޫޕްގައި ޕާކިސްތާން އޮތީ ހަތަރު ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. ގްރޫޕްގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ބަންގްލަދޭޝް އެވެ.

ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި މިއަދު ރާއްޖެ ގަޑިން 2:45 ގައި އިންޑިއާ އާއި ނޭޕާލް ކުޅުނު މެޗުގައި ނޭޕާލުން އިންޑިއާ ކޮޅަށް ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ނޭޕާލަށް ކާމިޔާބު ކޮށްދިނީ އަނިލް ގުރުން އެވެ. ނޭޕާލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖުމާނުލް ރާއީ އެވެ. އަދި ނޭޕާލް ކޮޅަށް އިންޑިއާއިން ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބިން ސިންގެވެ.

ސެމީ ފައިނަލުގައި ނޭޕާލް ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދާ ޓީމެކެވެ. އެމެޗް ކުޅޭނީ އަންނަ އާދިއްތަ ދުވަހު ރާއްޖެ ގަޑިން 6:30ގަ އެވެ. އަދި ސެމީ ފައިނަލުގައި އިންޑިއާ ވާދަ ކުރަންޖެހޭނީ ގްރޫޕް ބީ ގެ އެއްވަނަ ހޯދާ ޓީމަކާ އެވެ. އެމެޗް ކުޅޭނީ އަންނަ ހޯމަދުވަހު ރާއްޖެ ގަޑިން 6:30ގަ އެވެ.

މިމުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ އެންމެ ފަހު މެޗްތަކެވެ. އެގޮތުން ގްރޫޕް ބީގައި މާދަމާ އެއް މެޗުގައި ރާއްޖެ އާއި އަފްގާނިސްތާން ވާދަކުރާއިރު އަނެއް މެޗުގައި ވާދަކުރާނީ ބޫޓާނާއި ސްރީލަންކާ އެވެ. އެހެން ނަމަވެސް މާދަމާ ގްރޫޕްގެ އެންމެ ފަހު މެޗަށް ބޫޓާނާއި ސްރީ ލަންކާ ނިކުނައިރު އެ ދެ ގައުމު މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ. ގްރޫޕްގެ އެއް ވަނަ މަގާމް ހަ ޕޮއިންޓާއެކު އަދި އޮތީ ރާއްޖެ އެވެ. ދެ ވަނަ މަގާމް ގައި ހަމަ އެއަދަށް ޕޮއިންޓު ހޯދައިގެން އޮތީ އަފްގާނިސްތާނެވެ. ނަމަވެސް ރައްޖެ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުން ނެވެ. މާދަމާ އަފްގާނިސްތާނާ ރާއްޖެ ކުލޭ މެޗު އެއްވަރުވިޔަސް ގްރޫޕްގެ އެއްވަނަ މަގާމް ލިބޭނީ ރާއްޖެ އަށެވެ.