05 Sep 2013, 15:50
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވީހާ ވެސް ގިނަ ބަޔަކަށް ވޯޓް ލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިއަދު ހަވީރު ހައެއް ޖަހަންދެން އައިޑީކާޑު ހަދައިދޭ ގޮތަށް ޑިޕާޓްމަންޓް ނޭޝަނަލް ރެޖިސްޓްރޭޝަނުން ހަމަޖައްސައިފި އެވެ.
ޑިރެކްޓަ ފަރީދާ ޔޫސުފް މިއަދު ސަންއަށް ވިދާޅުވީ އެގޮތަށް ހަމަޖެއްސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެއްވެސް މީހަކަށް އައިޑީކާޑުގެ މައްސަލައަކާ ހުރެ ކުރިމަތި ވިޔަ ނުދިނުމަށް ކަމަށެވެ. އަދި މިއަދުގެ ހަވީރު ހައެއް ޖަހަންދެން ހުޅުވާލާފައިވާ ފުރުސަތުގައި އައިޑީކާޑު ހަދަން ބޭނުންވާ ކޮންމެ މީހަކަށް ވަގުތުން އައިޑީ ކާޑު ހަދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް ހަމަޖެއްސީ މިއަދަކީ އިންތިހާބުގެ ކުރިން އައިޑީކާޑު ހައްދަން ލިބޭނެ އެންމެ ފަހު ދުވަސް. އެހެންވެ އަލަށް ކާޑު ހައްދާ ފަރާތްތަކަށާއި ކާޑު އާ ކުރަން ބޭނުންވާ ފަރާތްތަކުން އެ ފުރުސަތު މިވަނީ ހުޅުވާލައިފައި،" ފަރީދާ ވިދާޅުވި އެވެ.
އައިޑީކާޑު ހެއްދުމަށް މިއަދު ގަޑި އިތުރު ކުރި ނަމަވެސް މާބޮޑު ކިޔުއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.