ރާއްޖޭގެ ދެކުނުގެ ބޮޑުބައެއްގައި ކެމްޕޭން ކުރައްވައި ނިންމަވާލެއްވި އިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އުފަން ރަށް ޏ. ފުވައްމުލަކުގައި ކެމްޕޭން ކުރެއްވުމަށް ފަހު އައްޑޫ ސިޓީ އަށް ދަތުރުކުރައްވަމުން ފޯނުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ފުވައްމުލަކާ ހިސާބަށް ދަތުރު ކުރެއްވި އިރު އެނގިވަޑައިގަތީ، ޕީޕީއެމް އަށް ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަން ކަމަށެވެ.

"މިފަހަރު ރައްޔިތުން ގަބޫލުކުރަނީ މީގެ ކުރިން ވެސް އިތުބާރާ އެކީގައި ގައުމު ބިނާ ކުރެވިފައި އޮތީ މިހާރު ވެސް ޕީޕީއެމްގެ ގިޔާދަތުގައި ތިއްބެވި ބޭފުޅުން ވެރިކަން ކުރެއްވި ދުވަސްވަރުގައި ކަމަށް. އަދި މިއަދުގެ ޕީޕީއެމްގެ ލީޑަޝިޕަކީ އަދި އަމުދުން ރާއްޖޭގެ ވަރަށް ގިނަ ޒުވާނުންގެ އިތުބާރު ލިބިފައިވާ އަދި ހަމަ އެއާ އެކީގައި ރާއްޖޭގެ އާއްމުންގެ އިތުބާރު ލިބިފައިވާ ލީޑަޝިޕަކަށް ވާތީ އެލީޑަޝިޕަށް ކަމަށް ދެކުނުގެ ރައްޔިތުން ގަބޫލުކުރޭ،" ޖަމީލު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ކުރިން ހީކުރެވިފައި ނުވާ ވަރުގެ ބޮޑު ތާއީދެއް ރާއްޖޭގެ ދެކުނުން ޕީޕީއެމްއަށް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ.

".. މިދެއަތޮޅަށް ކެމްޕޭނުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި މިއައީ، އައި އިރުގައި ހަމަ އަޅުގަނޑަށް މިފެނުނީ އިރާދަކުރެއްވިއްޔާ ފުވައްމުލަކު، އައްޑު އަތޮޅު އަދި ހުވަދުއަތޮޅުން މީގެ ކުރީގައި އަޅުގަނޑުމެން ހީނުކުރާ ވަރުގެ ބޮޑު ތާއީދެއް މިއަތޮޅުތަކުން ލިބިފައިވާތަން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލު އަރިހުގައި ޕީޕީއެމް އާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ބައެއް އިސްބޭފުޅުން ދަތުކުރެއްވި އެވެ. ޑރ. ޖަމީލު ދެކުނުގައި ހުންނެވި އިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނު ހުންނެވީ އަރި އަތޮޅުގަ އެވެ.