21 Nov 2010, 11:23
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 19.66 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތް އިތުރުވި އިރު، އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 21.8 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް 643،410 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ރާއްޖެ އައި 528،271 ޓޫރިސްޓުންނަށް ވުރެ، 115،139 މީހުން އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު 74،707 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ، 12،275 މީހުން އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 13.4 ޕަސެންޓް އިތުރުވެފަ އެވެ. ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން މިދިޔަ މަހު 10419 މީހުން އައިސްފައިވެ އެވެ. ދެ ވަނަ އަށް ޖަރުމަނެވެ. ޖަރުމަނުން އަށްހާހަށް ވުރެ ގިނަ މީހުން އައިސްފައިވާ އިރު، ލިސްޓްގެ ތިން ވަނާގައި އުޅޭ އިޓަލީ ވިލާތުން 5000 ވަރަކަށް ޓޫރިސްޓުން އައިސްފައިވެ އެވެ.
އޭޝިޔާ އަށް ބަލާއިރު، ތަފާސްހިސާބުން ދައްކަނީ، އެންމެ ގިނަ މީހުން އަންނަނީ ޗައިނާ އިން ކަމަށެވެ. އެ ގައުމުން މިދިޔަ މަހު 21627 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެއީ 32.8 ޕަސެންޓްގެ ކުރިއެރުމެކެވެ.