05 Sep 2013, 14:35
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކަންކަން ވިހާ ވެސް މަޑުމައިތިރިކަމާއި އޮމާންކަމާ އެކު އަދި ސުލްހަވެރިކޮށް ގެންދިޔުމަށް އެމްޑީޕީގެ ސަޕޯޓަރުންނަށް އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިލްތިމާސް ކުރައްވައިފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޫސާ ވަދާޅުވީ ސިޔާސީ އެހެން ޕާޓީތަކުން ވެސް ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތިން ކަންކަން ކުރިއަށް ގެންދިޔުމަށް އެ ޕާޓީން އެދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިންނަށް ވެސް އަޅުގަންޑުމެން ހަމަ ދަންނަވާލަން އޮތީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތިން ކަންކަން ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމެއް،" ރީކޯ މޫސާ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިއިންތިހާބު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ގެންދިޔުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަން ބޮޑު ދުވަސްވަރެއްގައި އެކިއެކި ޕާޓީތަކުން އަމަލުން ހަމަލާ ދެންޏާ ގައުމު ވަރަށް ބޮޑު ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ވަރަށް ބޮޑަށް އިތުބާރުކަރާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތްތަކަށް އިތުބާރުނުކޮށް އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަށީގެން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.
އެމްޑީޕީން ކެމްޕޭން ކުރުމަށް ރަށްރަށަށް ދިއުމަށް ބައެއް ޕާޓީތަކުން ހުރަސް އަޅާފައިވާ ކަމަށާއި އަދި ބައެއް ރަށަށުން ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މުސާ ވިދާޅުވި އެވެ. އަދި ހާއްސަކޮށް ޕީޕީއެމް އިން ހުރަސްއަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ދަތުރުތަކަށް ހުރަސް ނޭޅުމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ދަންނަވާފައިވާނެ ކަމަށާއި އަދި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް މަހުލޫފު ވިދާޅުވެފައިވާ ކަމަށެވެ.
ޕީޕީއެމްއާ ބެހޭ ގޮތުން މޫސާ ކުރި ތުހުމަތުތަކަށް ޕީޕީއެމްގެ ބަހެއް ހޯދުމަށް މަހުލޫފަށް ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެ ޕާޓީގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.