ރިސޯޓެއްގެ ގޮތުގައި ނ. ފުށިވެލާވަރުގައި ތަރައްގީ ކުރަމުން އަންނަ ވެލާ ޕްރައިވެޓް އައިލެންޑްގައި 12 ފޫޓުގެ ބުދެއް ބެހެއްޓުމަށް ފަހު ނަގައިފި އެވެ.

އަންނަ މަހުގެ ހުޅުވުމަށް ހަމަޖައްސާފައިވާ އެ ރިސޯޓުގައި ބުދު ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދިޔަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ.

ޗެކްރިބަލްލިކަށް ނިސްބަތްވާ ބޭރުގެ އިންވެސްޓަރަކާއި ދިވެހި ދެ ހިއްސާ ދާރަކާ ގުޅިގެން ތަރައްގީ ކުރަމުން އަންނަ އެ ރިސޯޓުގައި އެ ބުދު ބެހެއްޓިކަން އެ ރިސޯޓްގައި މަސައްކަތް ކުރަމުން އަންނަ ބައެއް މުވައްޒަފުން ވެސް ވަނީ ސަން އަށް ޔަގީންކޮށްދީފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ ރަށުން ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް އެ ބުދު ބެހެއްޓީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ. ނަމަވެސް އެކަން ބޮޑު މައްސަލައަކަށް ވެގެން، ޖެހިގެން އައި ދުވަހު އެ ބުދު ނަގާފައިވާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ 12 ފޫޓުގެ ހަ ބުދު އެ ރަށަށް އެތެރެކޮށްފައިވާ ކަމަށެވެ.

"ރަށަށް އެތެރެވެފައި ހުރީ އޭގެ ހަ ބުދު. އެ އެއްޗެހި މި ހުންނަކީ ޕެކިންގައި ފޮށިގަނޑުގައި ބަންދުކޮށްފައި. މައްސަލައަކަށްވީ އޭގެ ތެރެއިން އެކަތި ރިސެޕްޝަނަށް ދެވެން އޮންނަ ސަރަހައްދުގައި ބެހެއްޓީ. އޭތި ބެހެއްޓީ މިރަށުގައި ޕްރޮޖެކްޓް ހިންގާ މީހުން. ދިވެހި މެނޭޖްމަންޓަށް އެކަން ނޭނގޭ ކަމަށް ރަށު ތެރޭގައި އަޑުތައް ވަނީ ފެތުރިފައި،" އެ ރަށުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ބުންޏެވެ.

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ރެސިޑެންޓް މެނާޖަރު މުހައްމަދު ނިހާޒު މިއަދު ސަން އަށް ވިދާޅުވީ އެފަދަ ފޮޓޯއެއް އޭނާ އަށް ވެސް ފެނިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެކަމަކީ ކިހިނެއް ހިނގައިގެން އުޅޭ ކަމެއް ކަމެއް އަދި އެފަދަ އެއްޗެއް ބެހެއްޓި ކަމެއް ވެސް މިހާތަނަށް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

"އަޅުގަނޑު މިވަގުތު މިހުރީ ރަށުގައެއް ނޫން. އެހެންވެ ތީގެ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވޭ. އަޅުގަނޑު ވެސް އެ ފޮޓޯ ދެކުނިން. ވެގެން އުޅޭ ގޮތެއް އެނގޭނީ ރަށަށް ދިޔައީމާ." ނިހާޒު ވިދާޅުވި އެވެ.

ވެލާ ޕްރައިވެޓް އައިލެންޑްގެ ނަމުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓްގެ 75 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި އެ ރަށުގައި ބިދޭސީންނާ އެކު ގާތްގަނޑަކަށް 2000 ވަރަކަށް މީހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.