05 Sep 2013, 11:59
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 42.5 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑުގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އިނގިރޭސި ކުލަބް އާސެނަލް އަށް ވިއްކާލުމުން ރެއާލް މެޑްރިޑްގެ ބައެއް ކުޅުންތެރިން އެކަމާ ބޮޑާހާކައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޮޒިލް އާސިނަލް އަށް ވިއްކާލުމުން ރެއާލްގެ ޕޯޗިގަލް ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް އަދި ޕެޕޭ ވަނީ އޮޒިލްއާ ދޭތެރޭގައި ކުލަބުން ކަންތައްތައް ކުރި ގޮތާ މެދު ރެއާލްގެ މެނޭޖްމަންޓަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ.
ރެއާލްގެ ވައިސް ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ، އެއްވެސް ހަމައެއް ލަމައެއް ނެތި ޓީމުގެ މުހިންމު ކުޅުންތެރިޔާ އޮޒިލް އާސެނަލް އަށް ވިއްކާލީ ކުލަބުގެ ލޯނުތައް ދެއްކުމަށް ކަމަށާއި އެހެން ނަމަވެސް ކުލަބުން އޮޒިލްއާ ދޭތެރޭ އެނިންމި ނިންމުމާ މެދު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށެވެ.
ރެއާލްގެ ފޯވާޑް ރޮނާލްޑޯ ބުނީ، އޮޒިލް ވިއްކާލުމުން އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި ކުލަބުން އެކަން އެގޮތަށް އެކުރީ ވަރަށް ބޭއިންސާފުކޮށް ކަމަށެވެ.
"އޮޒިލް އަކީ ކުލަބުގެ އެންމެ މަޖާއެއް ކުޅުންތެރިޔާ. އޮޒިލްއަކީ އެންމެންނާ ގުޅޭ ކުޅުންތެރިއެއް. އާސެނަލްއަށް އޮޒިލް ވިއްކާލުމުން އަހަރެން މިހިރީ ވަރަށް ހިތްހަމަ ނުޖެހިފައި." ރޮނާލްޑޯ ބުންޏެވެ.
އުމުރުން 24 އަހަރުގެ އޮޒިލް އާސެނަލްއާއި ގުޅުމަށް ފަހު މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ، ރެއާލްގައި ހޭދަ ކުރެވުނު ދުވަސްތަކަކީ ފުޓްބޯޅައިގެ ހަޔާތުގައި ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށާއި އާސެނަލްއާ ގުޅުމާ އެކު ދެން މަސައްކަތް ކުރާނީ އެކުލަބަށް ރަނގަޅު ކާމިޔާބީއެއް ހޯދާދިނުމަށް ކަމަށެވެ.
އޮޒިލް އާސެނަލްއަށް ވިއްކާލުމަށް ފަހު ރެއާލްއަށް ވަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް 86 މިލިއަން ޕައުންޑަށް ގެނެސްފަ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޭލް ރެއާލަށް ބަދަލުވެފައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ކަމަށާއި ބޭލް ރެއާލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓަކީ ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.