މާލެއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަފާތު ބޮޑު ނަތީޖާއެއް ނެރޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖުމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ އެ ޕާޓީން ކުރިއަށްގެން ދިޔަ "ޑޯ ޓު ޑޯ" ކެމްޕެއިންގައި މާލެ އިން އެ ޕާޓީ އަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އެމްޑީޕީ އިން އެ ބުނާ ބޮޑު ތަރުހީބެއް އެ ޕާޓީ އަށް މާލެއިން ނެތް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދާއިރާގައި ވެސް މީގެ ކުރިން އެމްޑީޕީ އަށް ސަޕޯޓް ކުރި ފަރާތްތައް މިހާރު އެޕާޓީއަކަށް ސަޕޯޓެއް ނުކުރޭ، ދެން މާލެ އިން އަޅުގަނޑުމެންނާއި އެމްޑީޕީއާ ވަރަށް ވާދަކުރާނެ،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ އިންތިހާބުން އެ ބޭފުޅުންނަށް ފުރަތަމަ ބުރުން ކާމިޔާބު ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި މާލޭގައި އޮތީ އެމްޑިޕީ އާއި ޕީޕީއެމްގެ ފިކުރު ކަމަށާއި ރައީސް ވަހީދަށް ވޯޓް ދޭނެ ކަމަށް ބުނަނީ 100 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި ގާސިމް އިބްރާހިމަށް ވެސް ތާއީދު ކުރަނީ ވަރަށް މަދުބައެއްކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިލެކްޝަސް ކޮމިޝަންއާ ގުޅޭ ގޮތުން އަދި ވެސް އެ ޕާޓީ އިން ޝަކުވާތަކެއް އެބަ ހުރި ކަމަށާއި އަދި ބައެއް ޝަކުވާތަކަށް އެ ކޮމިޝަނުން ހައްލު ހޯދާދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.