05 Sep 2013, 11:43
ހޯރަފުށީން: އަހުމަދު އާޒިފު
ޕީޕީއެމްއާއި އެމްޑީއޭ ކޯލިޝަންގެ ވެރިކަމެއްގައި އަންނަ އަހަރުން ފެށިގެން ކޮންމެ ތުއްތު ކުއްޖަކަށް ހިލޭ ޕްރީސްކޫލް ތައުލީމު ފޯރުކޮށްދޭނެ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭ އިން ހއ. ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޕްރީސްކޫލް ކުދިންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެއްސުމުގެ އިތުރުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި ކޮންމެ ރަށެއްގައި ކުނިނައްތާލާނެ ނިޒާމެއް ދައުލަތުގެ ފަރާތުން ގާއިމުކޮށްދޭނެ ކަމަށެވެ. ހަމައެހެންމެ ކޮންމެ ރަށަކުން ސާފުބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސައި ނަރުދަމާގެ ނިޒާމު ގާއިމް ކޮށްދޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"މާތްﷲގެ ރަހްމަތްފުޅާއި ވާގިފުޅާ އެކު 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި ކޮންމެ ރަށެއްގައި ފުރިހަމަ ކުނިނައްތާލާނެ ނިޒާމެއް ދައުލަތުގެ ފަރާތުން ގާއިމް ކޮށްދޭނެ. ހަމައެއާއެއްކޮށް މި ދެ އަހަރުގެ ތެރޭގައި ކޮންމެ ރަށެއްގައި ސާފު ބޯފެނާއި އަދި ސާފު ފާޚާނާ ކުރެވޭނެ ނިޒާމް ފުރިހަމަގޮތުގައި ގާއިމް ކުރެވިގެން ދާނެ،" ޝިޔާމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޝިޔާމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން ވެފައިވާ ވައުދުތައް ފުއްދާފައި ނުވާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކައިފަ އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮޅުވާނުލާނެ ކަމަށް ބުނީ މީހަކު ކޮންމެ ރަށަކަށް ވަޑައިގެން ތާރުއަޅައި ދިނުމާއި އަދި އެނޫންވެސް އެތަކެއް ވައުދުތަކެއް ވެފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެއިން ވައުދެއް ފުއްދިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އޯގާތެރި ވެރިއެއްގެ ސަބަބުން އަޅުގަނޑުމެން ރައްޔިތުންނަށް ދޮގާއި މަކަރާ ނަހަދާނެ ކަމަށް. އެކަމަކު ކޮންމެ ރަށަކަށް އައިސް ތާރުއަޅައިދޭނަމޭ. އަޅުގަނޑު ވެސް ދެންމެ މިކޮޅުން ހިނގާފަ އައި އިރުގައި އަޅުގަނޑުގެ ފައިގައި މިހާރު ވެސް ތާރު ތަތްލަވާ. ދެން މިހާރު އަޅުގަނޑު އެހެން ހުރިހާ ރަށަކަށް ދިޔައިމާ ވެސް މި ފެންނަނީ ތާރުތައް ތަތްލަވާތަން،" ނަޝީދަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ތަކެތީގެ އަގު ބޮޑު ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށާއި ނަމަވެސް ދިވެހި ރުފިޔާ ޗާޕް ކުރުމުގެ ސަބަބުން ތަކެތީގެ އަގު ކުރިއަށް ވުރެ މައްޗަށް އުފުލިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާ އަށް ފަހު ޔާމީނާއި ޝިޔާމު އާއި ޔާމީން ވަނީ ހޯރަފުށީގައި ގާއިމްކޮށްފައިވާ އެމްޑީއޭގެ އޮފީސް ހުޅުއްވައި ދެއްވާފަ އެވެ. އަދި އެއޮފީސް ހުޅުއްވައި ދެއްވުމަށް ފަހު ޕީޕީއެމް އާއި އެމްޑީއޭ އަށް ތާއީދުކުރާ ޒުވާނުންތަކަކާ އެދެބޭޅުން ބައްދަލުކުރެއްވި އެވެ.