05 Sep 2013, 11:24
ތައުލީމާއި ތަރުބިއްޔަތު ލިބިވަޑައިގެންނެވި ގައުމު އެމަނިކުފާނަށް ޓަކައި ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެހެންވީމާ ގައުމަށް ހިދުމަތް ކުރުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމަށެވެ.
"މިގައުމު ވަރަށް ބޮޑު ގުރުބާނީއެއް ވެގެން އަޅުގަނޑުމެންގެ ތައުލީމާއި ތަރުބިއްޔަތު އަޅުގަނޑުމެންނަށް ދެއްވީ، އަޅުގަނޑުމެންގެ ވާޖިބެއް އިހުލާސްތެރިކަމާ އެކީ، އަޅުގަނޑުމެންނަށް ކުރެވޭ އެންމެ ބާރުމިނެއްގައި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަކީ. އެރޫހުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން އަންނަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރަސްމިއްޔާތަށް ހާޒިރުވެ ތިބި ކިޔަވާ ކުދިން އެކަން ހަނދާން ބަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަހީދު އަދި ވިދާޅުވީ ވަނީ ވެރިކަން ކުރެއްވުމުގެ ފުރުސަތު އަލުން ދެއްވައިފި ނަމަ ދިއްދޫގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެފުރުސަތު ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ، ހަމަ މި ބަނދަރުގެ މަސައްކަތް ކުރެވޭ ގޮތަށް މިރަށުގެ ދެން ހުރި އުމްރާނީ ތަރައްގީގެ މަސައްކަތް ވެސް ކުރެވޭނެ، މިވޭތުވެ ދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި ނަރުދަމާ ހެދުމާ ބޯފެން ދިނުމާ ފުލެޓް އެޅުމާ މިފަދަ ކިތަންމެ ކަމެއް ކުރަމުން މިދަނީ. އަޅުގަނޑުމެންނަށް ﷲގެ އިރާދަފުޅާ އެކު އަދި އިތުރު ފުރުސަތެއް ލިބިއްޖެ ކަމަށްވާ ނަމަ އިރާދަކުރެއްވިއްޔާ މިބާވަތުގެ މަޝްރޫއުތައް މިރަށުގައި ވެސް ފެށިގެން ދާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގެންދަވަނީ ފައްޓަވައި ދެއްވަމުންނެވެ.