05 Sep 2013, 11:03
ފުލުސް އޮފިސަރަކަށް މަރުގެ އިންޒާރުދިން ކަމުގެ މައްސަލައެއްގައި ދެ މީހަކު ޅ. ނައިފަރުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ނައިފަރުން ހައްޔަރުކޮށްފާ ވަނީ އުމުރުން 28 އަހަރާއި 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮންނަ ދެ މީހުން ކަމަށެވެ.
އެގޮތުން ހައްޔަރުކުރި 28 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގެ އިތުރުން ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވެ އެފަދަ އެއްވުމެއް ބާއްވަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް، ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހައްޔަރުކުރި 30 އަހަރުގެ މީހަކީ ވެސް މަސްތުވާ ތަކެތީގެ މައްސަލަ އާއި ވަގު ޑޮލަރުގެ ވިޔަފާރި ކުރުމުގެ މައްސަލައިގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި މިހާރު އެ ދެ މީހުންގެ ބަންދުގެ މުއްދަތަށް ނައިފަރު ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުން ނެވެ.